Last Updated: July 10, 11:11
Friday, July 10, 2026
ޚަބަރު

ޔާމީން ހެއްދެވީ ދޮގު، ގާނޫނީ ފިޔަވަޅު އަޅަނީ

ރައީސް މައުމޫން އާއި ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރު ފެބްރުއަރީ މަހު ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދެއްވި ކަމަށް ވިދާޅުވެ ޔާމީން ދެއްކެވި ވާހަކަތަކާއި ގުޅިގެން ގާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް އެޅުމުގެ ކަންކަން ކުރިއަށްގެންދަން ވިސްނަމުންދާ ކަމަށް މައުމޫންގެ އޮފީހުން ބުނެފި އެވެ.

މައުމޫންގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މައުމޫން ހައްޔަރު ކުރަންޖެހުނު ސަބަބަކީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދިނުންކަމަށް ވިދާޅުވެ ޔާމީން ދައްކަވާފައިވާ ވާހަކަފުޅުތަކަކީ، މައުމޫންގެ ނަންފުޅު ކިލަނބުކުރުމުގެ ގޮތުން ދައްކަވާފައިވާ ވަރަށް ދަށު ދަރަޖައިގެ ދޮގު ވާހަކަތަކެއް ކަމަށެވެ. އެގޮތުން 2018 ވަނަ އަހަރުގެ ފެބްރުއަރީ 1 ގައިސުޕްރީމް ކޯޓުން ނެރުއްވި ކޯޓު އަމުރަކީ، މައުމޫންއާ އެއްވެސް ވަރަކަށް ގުޅުންހުރި ކަމެއް ނޫން ކަމަށް ބަޔާނުގައިވެ އެވެ.

އަދި ސުޕްރީމް ކޯޓުން ކޯޓު އަމުރެއް ހޯދުމުގެ ބޭނުމުގައި ނުވަތަ އެނޫންވެސް ނިންމުމެއް ނިންމުމުގެ ގޮތުން، ފަނޑިޔާރުންނަށް ރިޝްވަރު ދިނުމުގެ ހަޑި މުޑުދާރު އެއްވެސް ޢަމަލެއް މައުމޫން ދުވަހަކުވެސް ކުރައްވާފައެއް ނުވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

މި ބަޔާނުގައި ވަނީ ޔާމީންގެ ވާހަކަތަކަކީ ވަރަށް ދަށު ދަރަޖައިގެ ޢަމަލެއްގެ ގޮތުގައި ދެކޭކަން ފާހަގަކޮށް، ޔާމީންގެ މި ވާހަކަތަކާއި ގުޅިގެން ޤާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް އެޅުމުގެ ކަންކަން ކުރިއަށް ގެންދިޔުމާމެދު މައުމޫން ވިސްނަވާ ވަޑައިގަންނަވަމުންދާ ކަމަށް ބުނެފަ އެވެ.

"ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން ދިވެހި ލޮބުވެރި އެންމެހާ ރައްޔިތުންނަށް އަރުވަން ބޭނުންފުޅުވާ ޔަޤީންކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި ޚިލާފު އެއްވެސް ޢަމަލެއް އެމަނިކުފާނުގެ ފަރާތްޕުޅުން ދުވަހަކުވެސް ކުރައްވާފައި ނުވާނެ ކަމުގެ ޔަޤީންކަމެވެ," ބަޔާނުގައިވެ އެވެ.