Last Updated: August 17, 21:45
Sunday, August 17, 2025
ޚަބަރު

ތުރުކީން ހަދިޔާކުރި މަނަވަރު އެމްއެންޑީއެފާ ހަވާލުކޮށްފި

ތުރުކީން ރާއްޖެއަށް ހަދިޔާކުރި މަނަވަރު އެމްއެންޑީއެފްއާ މިރޭ ހަވާލުކޮށްފި އެވެ.

މަނަވަރު ހަވާލުކޮށް ކޮމިޝަން ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރަައީސް ޑރ. މުޙައްމަދު މުއިއްޒާއި، އެމްއެންޑީއެފްގެ އިސް ބޭފުޅުންނާއި ތުރުކީ ނޭވީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

މި މަނަަވަރު މިރޭ ކޮމިޝަން ކޮށްފައިވަނީ 'ދަރުމަވަންތަ' ނަން ދިނުމަށްފަހުގަ އެވެ.

ތުރުކީން ހަދިޔާކޮށްފައިވަނީ މިސައިލް ފޮނުވުމުގެ ގާބިލުކަން ލިބިފައިވާ ޓީސީޖީ ވޮލްކަން (ޕީ-343) މަނަވަރެކެވެ.

ޑިފެންސް މިނިސްޓްރީން ވަނީ ތުރުކީން ރާއްޖެއަށް ހަދިޔާ ކުރާ މަނަވަރު ލިބުމަކީ ދިވެހި ކަނޑު ބެލެހެއްޓުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ބުނެފަ އެވެ. މި މަނަވަރު އޮޕަރޭޓު ކުރުމަށް ބޭނުންވާ ތަމްރީނު ދިވެހި ސިފައިންނަށް ދިނުމަށް ނިންމާފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

މި ސަރުކާރުން މީގެ ކުރިން ވަނީ ސަވައިލެންސް ޑްރޯންތަކެއް ވެސް ތުރުކީން ގަނެފަ އެވެ. ޑްރޯން ގަތުމަށް ދައުލަތުން ކުރި ހަރަދު ސަރުކާރުން ވަނީ ހާމަ ކުރަން ދެކޮޅު ހަދާފައެވެ. އަދި އޭގެ ފަހުން ރައީސް މުއިއްޒު ވަނީ ގައުމީ ސަލާމަތާ ގުޅޭ މަޝްރޫއުތަކަށް އިންވެސްޓްކުރާ ބަޔަކަށް ކްރޮސް ސަބްސިޑީގެ ދަށުން އިންވެސްޓްމަންޓުގެ މުގާބިލުގައި ފަޅުތަކާއި ރަށްތައް ދޫކުރާ ގޮތަށް ހޯދާ ފައިސާގެ އަދަދު 100 މިލިއަން ޑޮލަރަށް އިތުރުކުރަން ނިންމާފަ އެވެ