Last Updated: August 17, 21:45
Sunday, August 17, 2025
ޚަބަރު

ނަފްސަށް ވުރެ އަބަދުވެސް ސިފައިން އިސްކުރަންވާނީ ގައުމު

ނަފްސަށް ވުރެ އަބަދުވެސް ސިފައިން އިސްކުރަންވާނީ ދިވެހި ގައުމު ކަމަށް، ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ތުރުކީން ރާއްޖެއަށް ހަދިޔާކުރި މަނަވަރު އެމްއެންޑީއެފްއާ ހަވާލުކޮށް އަދި ކޮމިޝަން ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ގައްސާން ވިދާޅުވީ އެމްއެންޑީއެފް އަށް މިރޭ ލިބިގެން މިދިޔައީ ދިވެހި ތާރީޚުގައި ދިވެހި އަސްކަރިއްޔާއަށް ލިބުނު އެންމެ ބޮޑު މަނަވަރު ކަމަށާއި މިއީ އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއި ބަރު ހަތިޔާރު ބޭނުންކޮށްގެން، ރާއްޖޭގެ މިނިވަންކަމުގެ ފުރަމާނަ ދޭހަކޮށްދެވޭ ވަރުގެ އުޅަނދެއް ކަމަށެވެ.

ދިވެހިންނަކީ ވަސީލަތްތައް މަދު ނަމަވެސް ހިތްވަރާއެކު ކެރިގެން މައިދާނަށް ނިކުމެ އުޅުނު ބައެއް ކަމަށާއި 1980ވަނަ އަހަރު، އަސްކަރިއްޔާގެ ކަނޑުގެ ބާރު ވުޖޫދުވިއިރު ފެނުނީ މިފަދަ މަންޒަރުތައް ކަމަށް ގައްސާން ވިދާޅުވި އެވެ. ނަމަވެސް މިއަދުގެ މަންޒަރު ވަރަށް ތަފާތު ކަމަށާއި އަދި ސިފައިން އަބަދުވެސް ނަފްސަށް ވުރެ ގައުމު އިސްކުރުމަށް ވެސް ގައްސާން ސިފައިންނަށް އިލްތިމާސްކުރެއްވި އެވެ.

"ނަފްސަށް ވުރެ އަބަދުވެސް ގައުމު އިސްކުރެއްވުމަށް ސިފައިންނަށް އިލްތިމާސްކުރަން. ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު މާތްﷲ ގެ ހެޔޮ ރަހުމަތްފުޅުން ދިވެހި ސިފައިން އަބަދުވެސް ހިމާޔަތް ކުރާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ތަކުރާކުރަން،" ގައްސާން ވިދާޅުވި އެވެ.

މި މަނަަވަރު މިރޭ ކޮމިޝަން ކޮށްފައިވަނީ 'ދަރުމަވަންތަ' ނަން ދިނުމަށްފަހުގަ އެވެ.

ތުރުކީން ހަދިޔާކޮށްފައިވަނީ މިސައިލް ފޮނުވުމުގެ ގާބިލުކަން ލިބިފައިވާ ޓީސީޖީ ވޮލްކަން (ޕީ-343) މަނަވަރެކެވެ.