Last Updated: August 17, 21:45
Sunday, August 17, 2025
ކުޅިވަރު

ލިވަޕޫލް މޮޅަކުން ލީގު ފަށައިފި

އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަނުގައި ލިވަޕޫލުން ކުޅުނު ފުރަތަމަ މެޗުން މިރޭ 4-2 އިން ބޯންމަތްގެ މައްޗަށް ކުރި ހޯދައިފި އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗަށް ލިވަޕޫލުން ނެރުނު ފުރަތަމަ އެގާރައިގައި ވަނީ މިފަހަރުގެ ސީޒަނަށް އެޓީމަށް އަލަށް ގެނައި ގިނަ ކުޅުންތެރިންތަކެއް ހިމަނައިފަ އެވެ. އޭގެތެރޭގައި ފޯވާޑް ހޫގޯ އެކިޓީކޭ އާއި މިޑްފީލްޑަރު ފްލޮރިއަން ވާޓްޒްގެ އިތުރުން ދެ ފުލްބެކުން ކަމަށްވާ މިލޯސް ކާކޭޒް އާއި ޖެރެމީ ފްރިމްޕޮންގް ހިމެނެ އެވެ.

މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު މެޗުގެ 37 ވަނަ މިނެޓްގައި ލިވަޕޫލަށް ކާމިޔާބުކޮށްދިނީ އެކިޓީކޭ އެވެ. ފްރާންސަށް އުފަން އެކިޓީކޭ މި ގޯލު ކާމިޔާބުކުރީ ބޯންމަތްގެ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއަކުންނެވެ. އަދި ދެވަނަ ހާފްގެ ކުރީކޮޅު ކޯޑީ ގަކްޕޯ ވަނީ ލިވަޕޫލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.

ދެވަނަ ހާފުގައި ލިވަޕޫލުން ގެނައި ބަދަލުތަކާއެކު އެޓީމުގެ ކުޅުން ކޮންމެވެސް ވަރަކަށް ދަށްވިއިރު، މެޗުގެ 64 ވަނަ މިނެޓްގައި އުފެއްދި ކައުންޓަ އެޓޭކެއްގައި އެންޓޮއީން ސެމެންޔޯ ވަނީ ބޯންމަތްގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. އަދި މެޗުގެ 76 ވަނަ މިނެޓްގައި ސެމެންޔޯ ވަނީ ބޯންމަތްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

މި މެޗުގައި ލިވަޕޫލަށް އަލުން ލީޑު ނަގައިދިން ގޯލު މެޗުގެ 88 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ، ދެވަނަ ހާފުގައި ކުޅެން އެރި ފެޑެރީކޯ ކިއޭސާ އެވެ. މިއީ މިދިޔަ އަހަރު ލިވަޕޫލްއާ ގުޅުނު ކިއޭސާ ލިވަޕޫލަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ. އަދި ލިވަޕޫލަށް މި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްދިން ގޯލު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހު އެވެ.

ޕްރިމިއާ ލީގުގައި ލިވަޕޫލް ދެން ބައްދަލުކުރާނީ ނިއުކާސަލް ޔުނައިޓެޑާ އެވެ. ބޯންމަތް ނިކުންނާނީ ވުލްވްސްއާ ދެކޮޅަށެވެ.