ތުރުކީ އިން ރާއްޖެއަށް ހަދިޔާކުރި އަސްކަރީ މަަނަވަރާއެކު ދިވެހި އަސްކަރިއްޔާގެ ކަނޑުމަތީގެ ލަޝްކަރީގެ ބާރު އެތައް ގުނައެއް އިތުރުވާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވެއްޖެ އެވެ.
ތުރުކީން ރާއްޖެއަށް ހަދިޔާކުރި މަނަވަރު އެމްއެންޑީއެފްއާ ހަވާލުކޮށް އަދި ކޮމިޝަން ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ހިލްމީ ވިދާޅުވީ މި މަނަވަރު ވެގެންދާނީ ދިވެހި އަސްކަރިއްޔާގެ ކަނޑުމަތީގެ ލަޝްކަރުގެ ބާރު އެތައް ގުނައެއް އިތުރުކުރާނެ މަނަވަރަކަށް ކަމަށާއި އަދި މިއީ ދިވެހި އަސްކަރިއްޔާގެ އަރުމާދަށް އިތުރުކުރެވިގެންދާ އެންމެ ބޮޑު އުޅަނދު ކަމަށެވެ.
"މި މަނަވަރު ވެގެން ދާނީ ދިވެހި އަސްކަރިއްޔާގެ އަރުމާދަށް އިތުރުކުރެވިގެންދާ އެންމެ ބޮޑު އުޅަނދަށް. މި މަނަވަރުގެ ހަތިޔާރަށާއި ފަޔާ ޕަވާއަށް ބެލި ކަމުގައިވިޔަސް މިއީ މިހާރު ކޯސްޓްގާޑުގައި ބޭނުން ކުރާ އުޅަނދުތަކާއި އަޅާބަލާއިރު، މުޅިން އެހެން ދަރަޖައެއްގެ ނޭވީ މަނަވަރެއް،". ހިލްމީ ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ދިވެހި އަސްކަރިއްޔާ ތަރައްްގީ ކުރެއްވުމަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވާކަން ފާހަގަކުރައްވާ ޙިލްމީ ވިދާޅުވީ، ކައިރި މުސްތަގުބަލެއްގައި ކަނޑުގެ އަސްކަރީ އިތުރު އުޅަނދުފަހަރު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
"މި މަންޒަރު ދާދި އަވަހަށް ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، މިއީ އަސްކަރިއްޔާގެ ތަރައްގީ ކުރުމަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދަވަމުން ގެންދަވާކަން ވަރުގަދަ އަލިގަދަ ހެއްކަކަށް ފުދޭ،". ހިލްމީ ވިދާޅުވި އެވެ.
މި މަނަަވަރު މިރޭ ކޮމިޝަން ކޮށްފައިވަނީ 'ދަރުމަވަންތަ' ނަން ދިނުމަށްފަހުގަ އެވެ. މި މަނަވަރުގެ ކޮމާންޑިން އޮފިސަރަކީ ލެފްޓިނެންޓް ކާނަލް ހަސަން ޝިނާނެވެ.
ތުރުކީން ހަދިޔާކޮށްފައިވަނީ މިސައިލް ފޮނުވުމުގެ ގާބިލުކަން ލިބިފައިވާ ޓީސީޖީ ވޮލްކަން (ޕީ-343) މަނަވަރެކެވެ.