Last Updated: August 18, 23:01
Monday, August 18, 2025
ޚަބަރު

މައި ކޮލެޖަށް 19 އަހަރު، އާ ކޯސްތަކެއް

މިއާންޒް އިންޓަނޭޝަނަލް ކޮލެޖް (މައި ކޮލެޖް) އިން ޕްރޮގްރާމްތަކެއް އިއުލާންކޮށްފި އެވެ.

މުޅިން އަލަށް ފަށާ އާ ކޯސްތަކެއް އިއުލާންކުރީ އެތަނުގެ 19 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން ރޭ ބޭއްވި ހަފުލާގަ އެވެ.

މައި ކޮލެޖްގެ ރަޖިސްޓްރާ ޑރ. ޝުޖާއު ޖީ. މޭރީ ވިދާޅުވީ އާ ޕްރޮގުރާމުތައް ފަރުމާކުރީ ރާއްޖޭގެ މާކެޓަށް މިހާރު ބޭނުންވާ ހުނަރުތައް ދަނެގަނެ، ވަޒީފާ ދޭ ފަރާތްތަކުން ބޭނުންވާ ކަންތައްތަކަށް ބެލުމަށް ފަހު ކަމަށެވެ. އަދި ޓެކްނޮލަޖީއާ އެކު ޒަމާނަށް އައިސްފައިވާ ކުރިއެރުމާއި ބަދަލުތަކާ އެކު މަސައްކަތް ކުރެވޭނެ ހުނަރުތަކާއި އިލްމު ލިބޭނެ ގޮތަށް ވެސް ބެލި ކަމަށް އޭނާ ވިދާޅުވި އެވެ.

އަލަށް ތައާރަފުކުރި ކޯސްތަކުގެ ތެރޭގައި ހިއުމަން ރިސޯސް ޑިވެލޮޕްމަންޓާއި ފައިނޭންންސް، ޕްރޮޖެކްޓް މެނޭޖުމަންޓު އަދި މާކެޓިން ހިމެނެ އެވެ. މީގެ އިތުރުން މާސްޓާސް އޮފް އެޑިއުކޭޝަން އިން އެޑިއުކޭޝަނަލް ޕޮލިސީ އެންޑް ޕްލޭނިން އާއި މާސްޓާސް އޮފް އެޑިއުކޭޝަން އިން އެޑިއުކޭޝަނަލް ލީޑާޝިޕް އެންޑް މެނޭޖްމަންޓާއި ބެޗެލާސް އޮފް ޑިޖިޓަލް ޑިޒައިން އަދި ބެޗެލާ އޮފް ކޮމްޕިއުޓާ ސައިންސް ވެސް އަލަށް ތައާރަފުކޮށްފައިވެ އެވެ.

އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި މައި ކޮލެޖް ސްކޮލާޝިޕް ޕްރޮގްރާމް "ރަން އުނދޯލި" ވެސް އިފުތިތާހުކޮށްފައިވެ އެވެ.

އެ ޕްރޮގްރާމާ ގުޅޭ ގޮތުން ކޮލެޖްގެ ޑީން އޮފް އެފްއެލްއީއޭ އަޒްލިފާ އަހުމަދު ވިދާޅުވީ އެއީ ކިޔެވުމަށް ތަނަވަސްކަން ނެތް ދަރިވަރުންނަށް ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ތައާރަފްކުރި ޕްރޮގްރާމެއް ކަމަށެވެ.

ހަމަމިއާ އެކު މައި ކޮލެޖުގެ ލެގަސީ ޕްރޮގްރާމެއް ވެސް ތައާރަފުކުރި އެވެ. އެ ޕްރޮގްރާމްގެ ދަށުން އެ ކޮލެޖުގެ އިސް ދަރިވަރުންނަށް ހާއްސަ ޑިސްކައުންޓާއި އިނާޔަތްތަކެއް ލިބޭނެ އެވެ. އޭގެ ތެރޭގައި ދަރިވަރުންގެ ސްޓޫޑަންޓް ކާޑަށް ޑިސްކައުންޓު ލިބޭ ހުރިހާ ފިހާރަތަކަކުން އިސް ދަރިވަރުންނަށް ޑިސްކައުންޓް ލިބޭނެ އެވެ.

އަދި އެ ޕްރޮގްރާމްގެ ދަށުން ކޮލެޖުގެ އިސް ދަރިވަރުގެ އާއިލާގެ ފަރާތެއް ކޯހަކަށް އެޕްލައިކޮށްފި ނަމަ އެ މީހަކަށް އިސްކަން ވެސް ދޭނެ އެވެ. އިސްދަރިވަރެއްގެ އާއިލާގެ މީހަކު މައޮ ކޮލެޖުގައި ކިޔަވާ ނަމަ ކޯހުގެ ފީން ޑިސްކައުންޓު ލިބޭނެ އެވެ.

މައި ކޮލެޖް ވުޖޫދަށް އައީ ޖުލައި 2006 ގަ އެވެ. އެތަނުން މިހާތަނަށް 12،173 ދަރިވަރުން ގްރެޖްއޭޓްވެފައިވެ އެވެ.