ބްރެޒިލް އޮތީ ބޭރުގެ ވިޔަފާރިތަކާއި އިންވެސްޓްމަންޓްތަކަށް ހުޅުވާލެވިފައި ކަމަށް އެ ގައުމުގެ ރައީސް ލޫލާ ޑި ސިލްވާ ވިދާޅުވެއްޖެ އެވެ.
ވެހިކަލް އުފައްފާ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ސީޑަބްލިއެމުން ސައޮ ޕޯލޯގައި ގާއިމުކުރު ފެކްޓްރީ ހުޅުވަން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ލޫލާ ވިދާޅުވީ ބްރެޒިލް އަބަދު ވެސް އޮންނާނީ ބޭރުގެ އިންވެސްޓްމަންޓްކަށް ހުޅުވާލެވިފައި ކަމަށެވެ.
"އެކަމަށް އަހަރެމެން އަބަދު ވެސް މަރުހަބާ ކިޔާނަން. މި ގައުމުގައި ވިޔަފާރި ހިންގަން، އިންވެސްޓްމަންޓްތައް ކުރަން ބޭނުންވާ ބަޔަކު ހަމަ އަންނަންވީ،" ރައީސް ވިދާޅުވި އެވެ. "އެކަމަށް އަހަރެމެން ހުޅުވާލެވިފައިވާ އަތަކާ އެކު މަރުހަބާ ކިޔާނަން."
ލޫލާ ވިދާޅުވީ ކުރިން ބްރެޒިލްގައި އިންވެސްޓްކުރި މަޝްހޫރު ކުންފުނިތައް ކަމަށްވާ ފޯޑާއި މާސިޑީޒް ފަދަ ކުންފުނިތަކެއް އެ ގައުމުކޮށް ދޫކޮށް ގޮސްފައި ވަނިކޮށް ޗައިނާގެ ވެހިކަލް ކުންފުންޏަކުން ބޮޑު އިންވެސްޓްމަންޓެއް ކުރުމަކީ ލިބިވަޑައިގަތް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަަމަށެވެ.
"މިފަދ އިންވެސްޓްމަންޓްތަކަށް ސަރުކާރުން އޮންނާނީ މަޝްވަރާ އަށް ތައްޔާރަށް." ލޫލާ ވިދާޅުވި އެވެ.
ސީޑަބްލިއުއެމުން ބްރެޒިލްގައި ގާއިމުކުރި ފެކްޓްރީގެ ސަބަބުން އަހަރަކު 2،000 އަށް ވުރެ ގިނަ ވަޒީފާ ފުރުސަތު ފަހިވެގެން ދާނެ ކަމަށް ބުނެފައިވެ އެވެ. އެއީ އަހަރަކު 50،000 ވެހިކަލް އުފެއްދުމުގެ ކެޕޭސިޓީއަކާ އެކު ގާއިމުކުރި ފެކްޓަރީއެކެވެ.