މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތަމްވީލް އިމްޕެކްޓް ޕިޗް ޗެލެންޖްގެ ނަމުގައި އައު މުބާރާތެއް އިޢުލާނުކޮށްފި އެވެ.
މާލީ ހޭލުންތެރިކަމާއި، ހާއްސަކޮށް ރާއްޖޭގެ އިސްލާމީ ފައިނޭންސްގެ ދާއިރާ ކުރިއެރުވުމަށް ބާއްވާ މި މުބާރާތުގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު އެމްއެމްއޭއިން ވަނީ ހުޅުވާލާފަ އެވެ.
މި މުބާރާތުގެ މައިގަނޑު މަގްސަދަކީ މިހާރުގެ މާލީ ގޮންޖެހުންތަކަށް އެދެވޭ ހައްލުތައް އިލްމީ އަދި ދިރާސީ ނަޒަރަކުން ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. ތަމްވީލް އިމްޕެކްޓް ޕިޗް ޗެލެންޖް ބެހިފައިވަނީ ދެ މައިގަނޑު ގިންތިއަކަށެވެ.
ފުރަތަމަ ގިންތި އަމާޒުކޮށްފައިވަނީ އިސްލާމީ ފައިނޭންސިން އަށް އައު ހައްލުތަކާއި ގުޅޭގޮތުންނެވެ. މި ގިންތީގައި ޒުވާނުންނާއި، ސްޓާޓްއަޕްތަކާއި، ދަރިވަރުންނާއި، މުދައްރިސުންނާއި އަދި އިޖްތިމާއީ ވިޔަފާރިވެރިންނަށް ބައިވެރިވެވޭނެ އެވެ. ޝަރީއާއާ އެއްގޮތްވާ ހައްލުތަކުގެ ޒަރީއާއިން މާލީ ނިޒާމު ވަރުގަދަކުރެވޭނެ ހިޔާލުތަކާއި ނަމޫނާތައް ހުށަހެޅުމަށް މި ގިންތި ފަރުމާކުރެވިފައިވެ އެވެ. 18 އަހަރުން މަތީގެ ވަކިވަކި ފަރުދުންނާއި އަދި 3 މެމްބަރުންގެ ޓީމްތަކަށްވެސް މި ގިންތީގައި ބައިވެރިވެވޭނެއެވެ. ނަމަވެސް، އެމްއެމްއޭގެ މުވައްޒަފުންނާއި އެމްއެމްއޭގެ ޕާޓްނަރުންނަކަށް މި މުބާރާތުގައި ބައިވެރިއެއް ނުވެވޭނެކަމަށް އެމްއެމްއޭއިން ވަނީ ހާމަކޮށްފައެވެ. މި ގިންތީން ކާމިޔާބުކުރާ ފަރާތްތަކަށް 30,000 ރުފިޔާއާ ހަމައަށް ފައިސާގެ އިނާމު ލިބޭނެއެވެ. މީގެ އިތުރުން ފަންޑިންގްއާއި މެންޓަރޝިޕް ފުރުސަތުތައް ވެސް ލިބިދާނެއެވެ.
ތަމްވީލު އިމްޕެކްޓް ޕިޗް ޗެލެންޖްގެ ދެވަނަ ގިންތި އަމާޒުކޮށްފައިވަނީ "ދިރާސާއާއި ސިޔާސަތުގެ އަލީގައި ވަށައިޖެހޭ އިސްލާމިކް ފައިނޭންސް ނިޒާމެއް" މި މައުޟޫއަށެވެ. މި ބައި އަމާޒުކުރެވިފައިވަނީ ދިރާސާކުރާ ފަރާތްތަކާއި، ދާއިރާގެ ފަންނީ ތަޖުރިބާކާރުންނާއި އަދި މުއައްސަސާތަކަށެވެ. އިސްލާމިކް ފައިނޭންސްގެ ކުރިއެރުމާއި، ދެމެހެއްޓެނިވިކަމާއި އަދި އިޖްތިމާޢީ އަސަރު އިތުރުކުރުމަށް ދިރާސާއާއި ސިޔާސަތުގެ މައްޗަށް ބިނާކޮށް ހުށަހެޅޭ ހުށަހެޅުންތަކަށް މި ބައިގައި އިސްކަންދެވޭނެއެވެ. މި ބައިގައި އަލިއަޅުވާލެވޭ ދާއިރާތަކުގެ ތެރޭގައި މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭންތަކާއި، މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުރުމާއި އަދި ސިޔާސަތު އެކުލަވާލުން ހިމެނެއެވެ. މި ގިންތީގައި ބައިވެރިވާ ފަރާތްތައް ވާދަކުރާނީ ޖުމްލަ 100,000 ރުފިޔާގެ ފަންޑަކަށެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި މުބާރާތުގެ ދެ ގިންތީގައި ވެސް ދިވެހިންނާއި ބޭރުގެ ފަރާތްތަކަށް ބައިވެރިވެވޭނެއެވެ. ނަމަވެސް ބައިވެރިންގެ ހުށަހެޅުންތައް ދިވެހިރާއްޖޭގެ ހާލަތާ ގުޅޭ އަދި މުބާރާތުގެ މައުޟޫއުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުންނަންވާނެކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.
ތަމްވީލް އިމްޕެކްޓް ޕިޗް ޗެލެންޖަކީ، ދުޅަހެޔޮ މާލީ ނިޒާމަކާއި ދެމެހެއްޓެނިވި އިގްތިސާދީ ތަރައްގީގެ ޒަރީއާއިން މުޖުތަމައުތައް ބާރުވެރިކުރުވުމަށް އެމްއެމްއޭއިން ފަށާފައިވާ ތަމްވީލް ފިންލެޓް ފެސްޓިވަލުގެ ބައެކެވެ. މި ފެސްޓިވަލުގައި އިމްޕެކްޓް ޕިޗް ޗެލެންޖުގެ އިތުރުން 5 އިތުރު ހަރާކާތް ހިމެނެއެވެ. އޭގެ ތެރޭގައި، ފިންލެޓް ޗެލެންޖް، އިކޮންކުއެސްޓް ބަހުސް މުބާރާތް، ފިއުޗާ ފައިނޭންސްގެ ނަމުގައި ބާއްވާ މަޒުމޫނު މުބާރާތް، ވެލިއުސް އެންޑް ވިޝަން އާޓް މުބާރާތުގެ އިތުރުން ކުރު ވީޑިއޯ ހެދުމުގެ މުބާރާތެއްވެސް ހިމެނެއެވެ.