Last Updated: July 10, 06:44
Friday, July 10, 2026
ޚަބަރު

ޔާމީނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން ޖޭޕީން ވިސްނަނީ

ރައީސް ޔާމީންއާ ގާސިމް ސަލާމް ކުރައްވަނީ --

ކުރީގެ ރައީސް އަބްދުﷲ ޔާމީން ދާދިފަހުން ދެއްވި އިންޓަވިއުއެއްގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އޭނާގެ ދަރިކަލުން އިބްރާހީމް ސިޔާދު ގާސިމަށް ކުރެއްވި ތުހުމަތުތަކާއި ގުޅިގެން އެކަމުގައި އެޅޭނެ ގާނޫނީ ފިޔަވަޅުތައް ބަލަމުންދާ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.

މިދިޔަ ހަފްތާގައި އަދަދު ނޫހަށް ދެއްވި އިންޓަވިއުގައި ޔާމީން ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ސުޕްރީމް ކޯޓުން ފެބްރުއަރީ 1، 2018ގައި ނެރުނު އަމުރަކީ ގާސިމާއި ސިޔާދު ކޮންމެވެސް ސިފައެއްގެ ބައިވެރިވެވަޑައިގެން ފަނޑިޔާރުންނަށް ރިޝްވަތު ދެއްވައިގެން ނެރުނު އަމުރެއް ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އެވެ.

ޔާމީންގެ ތުހުމަތުތަކާ ގުޅިގެން ޖުމްހޫރީ ޕާޓީން ބުނީ ޔާމީން ދައްކަވާފައިވަނީ ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއް ކަމަށްވާތީ އެކަމުގައި ގާނޫނީ ގޮތުން އެޅޭނެ ފިޔަވަޅުތަކަކީ ކޮބައިތޯ ބަލަމުންދާ ކަމަށެވެ. އަދި ޔާމީން ދެއްކެވި ވާހަަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް ޖޭޕީން ބުންޏެވެ.

އަދަދު ނޫހަށް ޔާމީން ދެއްވި އިންޓަވިއުގައި ކުރީގެ ރައީސް މައުމޫނާ ގުޅޭގޮތުންވެސް ދޮގު ވާހަކަތަކެއް ދެއްކެވި ކަމަށް ވިދާޅުވެ މައުމޫންވެސް ވަނީ ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ.