ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލަށް މި މަހު އިތުރު 4 އެއާލައިނެއް ބަދަލުކުރުމަށް ނިންމައިފި އެވެ.
އާ ޓާމިނަލުން ގައުމީ އެއާލައިން، މޯލްޑިވިއަން އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ލޯ-ކޯސްޓް އެއާލައިން އާއި ލަގްޒަރީ އެއާލައިނެއް ކަމަށްވާ ބިއޮންޑް އަދި އެއާ އަރަބިއާއަށް ހިދުމަތް ދޭން ވަނީ ފަށާފަ އެވެ. އަދި މިމަހުގެ ތެރޭގައި އިތުރު ހަތަރު އެއާލައިނެއް އާ ޓާމިނަލަށް ބަދަލުކުރުމަށް ހަމަޖެހިފައިވީ ނަމަވެސް އެ އެއާލައިންތަކުގެ ނަމެއް އެމްއޭސީއެލް އިން ހާމަކޮށްފައެއް ނުވެ އެވެ.
ބިއޮންޑް އެއާލައިނަށް އާ ޓާމިނަލުން ހިދުމަތް ދޭން ފެށީ މިއަދު އެވެ. މިއީ އާ ޓާމިނަލުން ހިދުމަތް ދޭން ފެށި ފުރަތަމަ ލަގްޒަރީ އެއާލައިނެވެ.
އެމްއޭސީއެލުން ބުނީ މިއަދުގެ ރަސްމިއްޔާތުގައި ބިއޮންޑްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، ބިއޮންޑް އިން ފުރި 43 ފަސިންޖަރުންނަށް ހަދިޔާ ދީފައިވާ ކަމަށެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ބިއޮންޑްގެ ފުރަތަމަ މަތިންދާބޯޓު، ބީ4091 އަށް ހާއްސަ ވޯޓާ ސެލިއުޓެއް އަރުވައި، އެ ފްލައިޓުން ރާއްޖެ އައި 35 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައި ކަމަށް އެމްއޭސީއެލުން ބުންޏެވެ.
ބިއޮންޑް އަކީ ރާއްޖޭގެ ސިމްޑީ ގުރޫޕާއި އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރުން އުފައްދާފައިވާ އިންވެސްޓްމަންޓް ކުންފުނި، އަރަބެކްސް ގުޅިގެން އުފައްދާފައިވާ ލަގްޒަރީ އެއާލައިނެކެވެ.
އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.