ލޮބުވެތި އަޚާ އެވެ. ނަމާދަކީ ވަރަށް މުހިއްމު އަޅުކަމެކެވެ. ނަމާދަކީ އިސްލާމްކަމުގެ ދެވަނަ ރުކުނެވެ. ނަމާދަކީ ކޮންމެ ފަރުދަކު ވެސް އަދާ ކުރަން ޖެހޭ ޢައިނިއްޔަ ފަރުޟެކެވެ. ނަމާދަކީ ތިމާގެ އެހެން ޢަމަލުތައް ޤަބޫލު ކުރެއްވުމުގެ ސަބަބެވެ. ނަމާދަކީ ކާމިޔާބުގެ ތަޅުދަނޑި އެވެ.
ފަހަރެއްގައި ވެސް ނަމާދަށް ފަރުވާކުޑަ ނުކުރާށެވެ. ނަމާދަށް ފަރުވާކުޑަ ކުރާ މީހާ ވާހުށީ ދެ ދުނިޔޭގައި ވެސް ނާކާމިޔާބުވާ މީހުންގެ ތެރެއިންނެވެ. ބައެއް ނަމާދުތަކަށް ރައްކާތެރިވެ އަނެއްބައި ނަމާދު ދޫނުކުރާށެވެ. ފަހެ އެފަދަ މީހާ ވާހުށި ނަމާދު ނުކުރާ މީހުންގެ ތެރެއިންނެވެ.
ނަމާދަކީ މުޝްރިކުކަމާއި މުސްލިމު ކަމުގެ ފަރަޤެވެ. އަހަރުމެންގެ ރަސޫލާގެ އިތުރުން ކުރީގެ ރަސޫލުން ވެސް ވަނީ ނަމާދު ކުރުމަށް ގޮވާލައްވައިފަ އެވެ.
ނަމާދު ނުކުރާ މީހުންނާ މެދު އައިސްފައިވާ ވަޢީދުގެ ބަސްފުޅުތައް ނުހަނު ގިނަގުނަ އެވެ. ނަމާދުގެ މުހިންމުކަން ބޮޑުކަމުންނެވެ. ނަމާދަށް ފަރުވާކުޑަ ކުރާ މީހުން ވާނީ މުނާފިޤުންގެ ތެރެއިންނެވެ. އަދި މުނާފިގުން ވާހުށީ ނަރަކައިގެ އެންމެ އަޑީގަ އެވެ. އެ ނަރަކަ އަކީ ތިބުމަށް ނުބައި އަދި ވޭން ހުރި ތަނެކެވެ.
ކުރީގެ ހެޔޮލަފާ ޞާލިޙު އަޅުން ވަނީ ނަމާދާ މެދު ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވައިފަ އެވެ. އެބޭކަލުން ވަނީ ނަމާދަށް ފަރުވާތެރިވުމުގައި ނަމާދުގެ ފުރަތަމަ ތަކުބީރު ފާއިތު ނުވާނޭހެން އެ ނަމާދަށް ރައްކާތެރިވުމަށް އެއް ބޭކަލަކު އަނެއް ބޭކަލަކަށް ނަޞޭޙަތްތެރިވެ ވަޑައިގެންފަ އެވެ. އެބޭކަލުންނަށް ދިމާވާ ކޮންމެ ކަމެއްގައި އެބޭކަލުން ނަމާދުން ވާގިވެރިކަމާއި ކެތްތެރިކަން ލިބިވަޑައިގަނެ އެވެ. ކަމެއް ދިމާވާ ހިނދު ވުޟޫ ކުރައްވައި ދެ ރަކުޢަތް ނަމާދެއް ﷲއަށްޓަކައި ކޮށް އެކަމަކަށް އެކަލާނގެ ޙަޟުރަތުން ވާތްގަށް އެދެ އެވެ.
ހިތާމަ އަކީ އަހަރުމެންނަށް މިކަމުގައި ފަރުވާކުޑަ ކުރެވޭތީ އެވެ. މިކަމާމެދު ފިކުރުކޮށްނުލެވޭތީ އެވެ. ﷲއަށް ބިރުވެތިވުން ޙައްޤު ގޮތުގައި ބިރުވެތިވެވޭ ނަމަ އެއްމެ ނަމާދަކަށްވެސް ފަރުވާކުޑަ ނުކުރާނެކަން ޔަޤީނެވެ. އެ ނަމާދަށް ފަރުވާކުޑަ ކުރުމުގެ ސަބަބުން އުޚްރަވީ ޙަޔާތުގައި ތަޙައްމަލް ކުރަން ޖެހޭ ޢަޒާބުގެ ކުޑަ މިންވަރެއް ވެސް ދުނިޔެ މަތީގައި ތަޙައްމަލު ކުރަން ޖެހިއްޖެ ނަމަ އެ ނަމާދަށް ހަމަ އެކަކު ވެސް ފަރުވާ ކުޑަ ނުކުރީހެވެ.
ﷲ އަށް ބިރުވެތިވާށެވެ. ހެޔޮ ޙާލުގައި ދުނިޔަވީކަންކަމުގައި މަޝްޢޫލުވެ ތިމާ ހަމަހޭގައި ހުންނަ ވަގުތު މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ލޮލުގެ ފިނިކަން ކަމުގައި ލެއްވުނު މި ނަމާދަށް ރައްކާތެރިވާށެވެ. ފަންސާސް ނަމާދު ފަސް ނަމާދަށް ލުއި ކުރެވި ފަންސާސް ނަމާދުގެ ސަވާބުގައި މި ފަސް ނަމާދު ލެއްވުނީ ހަމަ ތިބާގެ މަޞްލަޙަތުގަ އެވެ. ވީމާ މި ނަމާދަށް ފަރުވާކުޑަ ނުކުރާށެވެ.
(فَخَلَفَ مِن بَعْدِهِمْ خَلْفٌ أَضَاعُوا الصَّلَاةَ وَاتَّبَعُوا الشَّهَوَاتِ ۖ فَسَوْفَ يَلْقَوْنَ غَيًّا) މާނައަކީ؛ “ފަހެ، އެބޭކަލުންނަށް ފަހު، އެހެން ބަޔަކު އައޫއެވެ. އެއުރެން ނަމާދު ދޫކޮށްލޫއެވެ. އަދި هوى نفس ގެ އެދުންތަކަށް تبعވޫއެވެ. ފަހެ، ނިކަން ހުރެ އެއުރެން ހަލާކާ ކުރިމަތިލާހުށްޓެވެ!” ވީމާ ހަވާ ނަފްސުގެ އެދުމަށް ތިމާގެ އުޅުމާއު ގުޅުން ބައްޓަން ނުކުރާށެވެ. ވަގުތުން ވަގުތަށް ނަމާދަށް ޙާޟިރުވާށެވެ. މިހާރުން މިހާރަށް ނަމާދަށް ފަރުވާތެރި ވުމަށް ނުގުޑާފަދަ ޢަޒުމެއް ކަނޑައަޅާށެވެ.
ނަމާދަށް ފަރުވާތެރިވެއްޖެ މީހާ ދެ ދުނިޔޭގައި ވެސް ކާމިޔާބު މީހަކަށް ވާނެކަން ޤުރުއާނާއި ސުންނަތުގައި ވަރަށް ސާފުކޮށް ބަޔާންވެގެންވެ އެވެ. ހެޔޮއެދޭ ބަފަޔަކު ދަރިޔަކަށް ދިން ނަޞޭޙަތެއްގައި ބުންޏެވެ. “ނަމާދު ކުރަންޏާ ދައްލައެއް ނުދާނެ އެވެ.” މުރާދަކީ މަގުއޮޅި އެއްކިބާވެ ނުދާނެ އެވެ. ﷲ ތަޢާލާ އެބައްޕަ އަށް ރަޙުމް ކުރައްވާދޭވެ!
މަސްދަރު: މިއީ ނޫރުލް އިސްލާމް