Last Updated: July 10, 06:44
Friday, July 10, 2026
ޚަބަރު

55 ރަށެއްގެ ކައުންސިލް އިމާރާތް އަޅަން އާރުސީސީ އަށް

ރަށްރަށުގެ ކައުންސިލް އިމާރާތައް އަޅަން ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން 55 ރަށެއްގެ ކައުންސިލް އިމާރާތް އަޅަން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.

ލޯކަލް ގަވަމެންޓް މިނިސްޓްރީން ބުނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ރާއްޖޭގެ 55 ރަށެއްގައި ކައުންސިލް އިމާރާތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި އާރުސީސީއާއެކު މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.

މި ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް މި މަހުގެ ތެރޭގައި ފަށައި، އެއް އަހަރުތެރޭގައި މި މަސައްކަތް ނިންމާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި މި ޕްރޮޖެކްޓްގައި ކައުންސިލަށް ބޭނުންވާ ފަރުނީޗަރާއި ވަށާފާރު ހިމެނޭނެ ކަމަށްވެސް ބުންޏެވެ.

މި މަޝްރޫއު އެންމެ ފުރަތަމަ ހަވާލުކުރީ މެލޭޝިއާގެ ހެކްސްޓަ ގްލޯބަލް ކުންފުންޏާ އެވެ. ނަމަވެސް، ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް އެ ކުންފުނިން ބަލައިނުގަތުމުން އެ އެއްބަސްވުން ވަނީ ބާތިލުކޮށްފަ އެވެ.