Last Updated: August 17, 21:45
Sunday, August 17, 2025
ޚަބަރު

ޒަކާތު ފަންޑުގެ ސްކޮލަޝިޕް 24 މީހަކަށް

ޒަކާތު ފަންޑުން އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމް ޙާސިލްކުރުމަށްދޭ ސްކޮލަރޝިޕް އަދި ޚާއްސަ ސްކޮލަރޝިޕް ލިބުނު ފަރާތްތަކަށް މިރޭ ލިޔުުން ހަވާލުކޮށްފި އެވެ.

މިކަމަށްޓަކައި މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ސްކޮލަރޝިޕް ލިބުނު ފަރާތްތަކަށް ލިއުން ހަވާލުކޮށްދެއްވީ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް އެވެ.

މިފަހަރު ސްކޮލާޝިޕް ލިބިފައިވަނީ ޖުމްލަ 24 ފަރާތަކަށެވެ. މީގެ ތެރޭގައި ހިމެނެނީ ފުލް ސްކޮލަރޝިޕް ލިބުނު 17 ފަރާތަކާއި ސްޓިޕެންޑް ލިބުނު 6 ފަރާތަކާއި ޓިއުޝަން ފީ ލިބުނު ފަރާތެކެވެ. މީގެ ތެރޭގައި ހިމެނެނީ ރާއްޖެއާއި ރާއްޖޭން ބޭރުގެ އެކި ޤައުމުތަކުގައި މަތީ ތަޢުލީމް ޚާސިލްކުރުމުގެ ފުރުސަތުތަކެވެ. ރާއްޖޭން ބޭރުން ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ މެލޭޝިއާ، ބުރުނާއީ ސައުދީ އަރަބިއްޔާ އަދި މިސްރެވެ.

ޒަކާތު ފަންޑު މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް، ސްކޮލަރޝިޕަށް އެދުމުގެ ފުރުޞަތު ހުޅުވާލީ މިދިޔަ އޭޕްރިލްމަހުއެވެ. އަދި ސްކޮލަރޝިޕަށް އެދުމުގެ ފުރުޞަތު މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު ވަނީ ހަމަވެފައެވެ.

މި ސްކޮލަރޝިޕް ލިބުނު ފަރާތްތަށް ކަނޑައަޅާފައިވަނީ އެކަމަށް ޚާއްސަކޮށް ނަގާފައިވާ ޤާބިލު ކޮމިޓީއަކުންކަން ފާހަގަކޮށްލެވެއެވެ.