Last Updated: August 17, 21:45
Sunday, August 17, 2025
ޚަބަރު

ދައުލަތަށް އެންމެ ލުއިކޮށް ދެނީ ޒަކާތު ފަންޑުން: ޝަހީމް

ދައުލަތަށް އެންމެ ލުއިކޮށްދޭ ފަންޑަކީ ޒަކާތު ފަންޑުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޒަކާތު ސްކޮލާޝިޕް ލިބުނު ފަރާތްތަކަށް ލިޔުން ހަވާލުކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ޝަހީމް ވިދާޅުވީ ޒަކާތާ ބެހޭ އިދާރާއެއް އަތުވެއްޖެނަމަ ދައުލަތަށް ބުރަބޮޑު ވާނެ ކަމަށް ބައެއް ފަރާތްތަކުން ބުނާ ކަމަށާއި ނަމަވެސް އެއީ ގޯސް ނަޒަރިއްޔާއެއް ކަމަށެވެ.

"މިހާރުވެސް ރާއްޖޭގައި ހުރި ފަންޑުތަކުގެ ތެރެއިން ދައުލަތަށް އެންމެ ލުއިކޮށްދޭ ފަންޑަކީ ޒަކާތު ފަންޑު،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ އާސަންދައާއި އެނޫން ވެސް ސަރުކާރުގެ ބޭސްފަރުވާކުރާ ނިޒާމުގެ ތެރެއިން ޚަރަދުނުކުރެވެން ހުންނަ ބޮޑެތި ކަންކަން ކޮށްދެނީ ޒަކާތު ފަންޑުން ކަމަށެވެ.

"މީގެ ތެރޭގައި މިލިއަން ހަރަދުކުރޭ މީހުންގެ ޓްރާންސްޕްލާންޓަށް، ކިޑްނީ ޓްރާންސްޕްލާންޓަށް، ލިވާ ޓްރާންސްޕްލާންޓަށް، މިހެން ގޮސް ބޯން މެރޯއަށް، މިފަދަ ކިތަންމެ ކަމަކަށް ފުދުންތެރިކަން ނެތް މީހުންގެ، ނުވަތަ އާސަންދަ ނިޒާމު ކަވަރުނުކުރާ ހުރިހާ ކަމެއް،" ޝަހީމް ވިދާޅުވި އެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ތަޞައްވުރަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ ޒަކާތުގެ ނިޒާމެއް ޤާއިމްކުރުން ކަމަށާއި މިހާރު މަޖިލީހަށް ހުށައެޅިފައިވާ ޒަކާތުގެ ބިލު ޤާނޫނަކަށް ވެގެން ދިއުމުން ރާއްޖޭގެ ޒަކާތުގެ ނިޒާމަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ ނިޒާމަކަށް ވެގެންދާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

މީގެއިތުރުން ޒަމާނުންސުރެ ރާއްޖޭގައި އޮތީ ވަރަށް ހަރުދަނާ ޒަކާތުގެ ނިޒާމެއް ކަމަށާއި، ޒަކާތަށް ޚާއްސަ ވަކި އިދާރާއެއް މިވެރިކަމުގެ ކުރީކޮޅު ރައީސް އުފެއްދެވުމަކީ ޒަކާތުގެ ނިޒާމަށް އިތުރު ހަރުދަނާކަމެއް އައިސްފައިވާ ކަމެއް ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.