Last Updated: August 17, 21:45
Sunday, August 17, 2025
ކުޅިވަރު

ލީގުގެ ފުރަތަމަ މެޗުން ބާސާއަށް މޮޅެއް

ސްޕެނިޝް ލީގުގެ އާ ސީޒަނުގެ ފުރަތަމަ މެޗުގައި ބާސެލޯނާ އިން މަޔޯކާގެ މައްޗަށް 3-0 އިން ކުރި ހޯދައިފި އެވެ.

މަޔޯކާގެ ދަނޑުގައި ކުޅުނު މި މެޗުގެ 7 ވަނަ މިނެޓްގައި ލަމީން ޔަމާލް ނަގައިދިން ހުރަހަކުން ރަފީނިއާ ވަނީ ބާސާއަށް ލީޑު ނަގައިދީފަ އެވެ. އަދި މެޗުގެ 23 ވަނަ މިނެޓްގައި ފެރަން ޓޮރޭސް ވަނީ ބާސާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.

މި މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިް މަޔޯކާގެ ދެ ކުޅުންތެރިއަކަށް ދެއްކި ރަތްކާޑުގެ ސަބަބުން އެޓީމުން މެޗުގެ ބާކީބައި ފުރިހަމަ ކުރީ 9 ކުޅުންތެރިންނާއެކު އެވެ. އެގޮތުން މެޗުގެ 33 ވަނަ މިނެޓްގައި މަޔޯކާގެ މަނޫ މޯލަނޭސް އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދެއްކީ ޔަމާލް އަށް ކުރި ފައުލަކާ ގުޅިގެންނެވެ. އަދި އޭގެ ހަ މިނެޓް ފަހުން މަޔޯކާގެ ވެޑާޓް މުރީގީ އަށް ރަތްކާޑު ދެއްކީ ބާސާގެ ކީޕަރު ޔޮއާން ގާސިއާ އަށް ކުރި ފައުލަކާ ގުޅިގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ބާސާއާ މިފަހަރު އަލަށް ގުޅުނު މާކަސް ރަޝްފޯޑް ކުޅެން އެރިއިރު، އެޓީމުގެ ތިންވަނަ ގޯލު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ ޔަމާލް އެވެ.

ލީގުގައި ބާސާ ދެން ބައްދަލުކުރާނީ ލެވަންޓޭއާ އެވެ.