Last Updated: July 10, 06:44
Friday, July 10, 2026
ޚަބަރު

ބޭހަށް ދާން ސައީދަށް ފުރުސަތު ނުދިނުން އިންސާނިއްޔަތާ ހިލާފު

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާން ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދަށް ފުރުސަތު ނުދިނުމަކީ އިންސާނިއްޔަތާ ހިލާފު ކަމެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ބޭސްފަރުވާއަކަށް ރާއްޖޭން ބޭރަށް ވަޑައިގަތުމަށް ސައީދު ވަނީ މި އަހަރުގެ މޭ މަހު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި ހުއްދައަކަށް އެދިވަޑައިގެންފަ އެވެ. އޭރު ޕީޖީ އޮފީހުން ޓްރެވެލް ޑޮކިއުމަންޓަކާ އެކު އެ ހުއްދަ ދިނެވެ. ނަމަވެސް ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަކަށް ރިއާޔަތްކޮށް ފަހުން ޕީޖީ އޮފީހުން ވަނީ އެ ނިންމުން ބަދަލުކޮށްފަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ސަޢީދުގެ ޕާސްޕޯޓު ހިފެހެއްޓުމަށް ދައުލަތުން އެދިފައިވާއިރު، ރާއްޖެއިން ބޭރުން ފަރުވާ ހޯދުމުގެ ފުރުސަތު އޭނާ އަށް ބަންދުވާ ގޮތަށް އަމަލުކުރުމަކީ ހިތާމަވެރިކަމެއް ކަމަށެވެ. އަދި ހިތުގެ ބައްޔަކަށް ޚާއްސަ ފަރުވާއެއް ބޭނުންވާ މީހަކަށް ބޭސްފަރުވާ އަށް ފުރުސަތު ނުދިނުމަކީ އިންސާނިއްޔަތުކަމާއި ޚިލާފު އަދި ފުރާނަ އަށް ނުރައްކާވެދާނެ ފަދަ ނިންމުމެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވަނީ އޯގާތެރިކަމާއި، އިންސާނިއްޔަތުކަމާއި، ސަޢީދުގެ ސިއްހަތާ ގުޅޭ ހައްގުތަކަށް އިސްކަންދީ، އޭނާއަށް ބޭނުންވާ ކުއްލި ސިއްހީ ފަރުވާ ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ސަރުކާރަށް ގޮވާލާފަ އެވެ.

ފެނަކައިގެ ކޮރަޕްޝަންގެ މައްސަލަތަކެއްގައި ސައީދުގެ މައްޗަށް ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދެ ދައުވާއެއް އުފުލާފަ އެވެ.