Last Updated: August 20, 05:53
Wednesday, August 20, 2025
ޚަބަރު

ކައުންސިލްތަކުގެ ބާރުތައް ހަނިކުރަން ގާސިމް ވެސް ތާއީދު

ކައުންސިލްތަކުގެ ބާރުތައް ހަނިވާގޮތަށް ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހަށް ތާއީދު ކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

އިސްލާހަށް ތާއީދު ކުރައްވައި އޭނަ މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިއީ ވަރަށް މުހިންމު، އަދުގެ ހާލަތާ ގުޅޭ އިސްލާހެއް ކަމަށާއި މި އިސްލާހުތައް ކޮންމެހެން ގެންނަން ޖެހޭ ކަމަށް ގަބޫލު ވެސް ކުރައްވާ ކަމަށެވެ.

ގާސިމު ވިދާޅުވީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގިތަށް ރާއްޖެއަކީ ޔުނިޓަރީ ދައުލަތެއް ކަމަށާއި މިއީ ފެޑެރަލް ދައުލަތެއް ނޫން ކަމަށެވެ. އެހެންވެ ލާމަރުކަޒީ ގާނޫނު ވެސް އޮންނަން ވާނީ ޔުނިޓަރީ ދައުލަތަކުން ކަމެއް ފުޅާކުރެވޭ މިންވަރަކަށް ކަމަށާއި ގާނޫނުތައް ހެދި އެކުލަވާލެވިފައި އޮންނަން ވާނީ ވެސް އެ ހުދޫދުގެ ތެރެއިން ކަމަށް ވިދާޅުވި އެވެ.

"މިސާލަކަށް ކުރިއަށް އޮންނަ އިންތިޚާބާ ދިމާކޮށް ސިޔާސީ ބޭނުމަށް ރަށްރަށުގެ ބިންތައް ދޫކޮށް، ގިނަ އަދަދަކަށް މުވައްޒަފުން ނަގާނެ ފުރުސަތު އޮވެގެން ނުވާނެ، އެއީ ނާޖާއިޒު ފައިދާއެއް ވެސް މެ، އަންނަ ދައުރަށް ހޮވުމުގެ ބޭނުމުގައި ސަރުކާރުގެ މާލިއްޔަތު ތަންނުދޭ މިންވަރަށް އިތުރު މަގާމުތައް އުފެއްދުމުގެ ބާރު ގާނޫނަކުން ކައުންސިލަރުންނަށް ލިބިދީފައި އޮވެގެން ނުވާނެ،"
ޤާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ކައުންސިލް އިންތިހާބު ބާއްވަން ނުވަ ވަރަކަށް މަހަަށްފައިވާ އިރު ގާނޫނުއަސާސީގައި ބުނާ ޔުނިޓަރީ ދައުލަތުގެ ވިސްނުމަށް ކައުންސިލްތަކުން އިޚްލާސްތެރިވާން ޖެހޭނެ ކަމަށެވެ. އޭނަ ވިދާޅުވީ ރަށްރަށުގެ ތަރައްގީގެ ޕްލޭންތައް ފާސްކުރަނީ އާންމުންގެ ޚިޔާލާ އެކު ކަމަށްވުމުން، އެ ޕްލޭންތަކުގައި ނުހިމެނޭ ކަންކަން އިންތިޚާބާ ދިމާކޮށް "ސިޔާސީ ބޭނުމަށް" ފެށުމުގެ އިޚުތިޔާރު އޮތުމަކީ އެ ކަމުގެ ސަބަބުން ގައުމަށް ލިބޭ ގެއްލުމެއް ކަމަށެވެ.