އެޗްްބީއޯގެ މަޝްހޫރު ސިލްސިލާ "ގޭމް އޮފް ތުރޯންސް" ގެ ރޯލުތަކެއް ކުޅުނު ސޯފީ ޓާނާއި ކިޓް ހެރިންޓަން އެކީގައި ފީޗާ ފިލްމަކުން ބެލުންތެރިންނަށް ގެނެސްދޭން ތައްޔާރުވާން ފަށައިގި އެވެ.
ދެ ތަރިން އެކީގައި ބޮޑު ސްކްރީނަށް ގެންނަން ނިންމާފައިވާ ފިލްމުގެ ނަމަކީ "ދަ ޑްރެޑްފުލް" އެވެ. މިއީ އިރާނު ދަރިކޮޅު އެމެރިކާގެ ސްކްރީން ރައިޓަރު/ޑައިރެކްޓަރި ނަތާޝާ ކެރްމާނީގެ ފިލްމެކެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ގެނެސްދިން ބިރުވެރި ފިލްމު "އަބްރަހަމްސް ބޯއިސް" އެވެ.
"ދަ ޑްރެޑްފުލް" ގެ ކާސްޓްގައި ސޯފީ އާއި ހެރިންޓަނާ އެކު ޖޮނަތަން ހޮވާޑް އާއި މާޝިއާ ގޭ ހާޑެންގެ އިތުރުން ލޯރެންސް އޮ'ފުއަރައިން ހިމެނެ އެވެ.
އިނގިރޭސިލާތުގެ މަންޒަރުތައް ނަގައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާފައި އޮތް ފިލްމުގައި ދައްކުވައި ދޭނީ 15 ވަނަ ގަރުނުގެ ތެރޭގައި އާއިލާއެއްގެ ތެރޭގައި ދިމާވާ ބިރުވެރި ހާދިސާތަކެކެވެ.
"ދަ ޑްރެޑްފުލް" ގެ ލީޑް ބަތަލާ ސޯފީ އަކީ "ގޭމް އޮފް ތުރޯންސް" ގައި ސަންސާ ސްޓާކްގެ ރޯލު ކުޅުނު ބަތަލާ އެވެ. އަދި އޭނަ އަކީ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ފިރިމީހާ ނިކް ޖޯނަސްގެ ފިރިމީހާ ޖޯ ޖޯނަސްގެ ކުރީގެ އަންހެނުންމެވެ. ސޯފީގެ އެންމެ ފަހުގެ ފީޗާ ފިލްމަކީ 2022 ގެ ޓީން ބްލެކް ކޮމެޑީ "ޑޫ ރިވެންޖް" އެވެ.
އޭނަގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 22 އަށް ތާވަލުކޮށްފައި އޮތް ތުރިލާ "ޓްރަސްޓް" އެވެ.
ހެރިންޓަން އަކީ "ގޭމް އޮފް ތުރޯންސް" ގައި ޖޮން ސުނޯގެ ރޯލު ކުޅުނު އެކްޓަރެކެވެ. އޭނަގެ އެންމެ ފަހުގެ ފީޗާ އަކީ މިދިޔަ އަހަރު މިސްޓްރީ ހޮރޯ ތުރިލާ "ދަ ބީސްޓް ވިތިން" އެވެ. ޑިޒްނީގެ 2021 ގެ ސުޕަހީރޯ ފިލްމު "އިޓާނަލްސް" ގެ ރޯލެއް ކުޅެފައިވާ ހެރިންޓަންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "އިޓާނަލް ރިޓާން" އާއި "ދަ ފެމިލީ މޭން 2" ހިމެނެ އެވެ.
ސޯފީ އާއި ހެރިންޓަންގެ "ދަ ޑްރެޑްފުލް" ބެލުންތެރިންނަށް ގެނެސްދޭނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.