Last Updated: August 18, 13:53
Monday, August 18, 2025
މުނިފޫހިފިލުވުން

އަރިއަންގެ ސީރީޒްގެ ފަސްޓްލުކް ޓީޒާ ދައްކާލައިފި

ބޮލީވުޑްގެ ތަރި، ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާން ލިޔެ، ޑައިރެޓްކޮށްފައިވާ ސީރީޒް "ބޭޑްސް އޮފް ބޮލީވުޑް" ގެ ފަސްޓްލުކް ޓީޒާ މިއަދު ދައްކާލައިފި އެވެ.

ޓީޒާގެ އެކި ހިސާބުތަކުން އަރިއަން ވެސް ފެނިގެންދާ ސީރީޒްގެ ޓީޒާ ފެށިގެން އަންނަނީ ބައްޕަގެ ފިލްމެއްގެ މިއުޒިކާއި ލަވައެެއްގެ އިތުރުން އޭނަގެ އަޑާ ވެސް އެކީގަ އެވެ. އެގޮތުން ޝާހްރުކްގެ 2000 ވަނަ އަހަރުގެ ފިލްމު "މުހައްބަތޭ" ގެ "ހަމް ކޯ ހަމީ ސޭ ޗުރާލޯ" ޓީޒާ ފެށިގެން އަންނަ އިރު އިވިގެން ދެ އެވެ.

"ބޭޑްސް އޮފް ބޮލީވުޑް" ގެ ލީޑުން ފެންނާ ޒުވާން ދެ ތަރިން ކަމަށްވާ ލަކްޝް ލަލްވާނީ އާއި ސަހެރް ބާމްބާ އެވެ. ލަކްޝް އަކީ ކަރަންް ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ މިދިޔަ އަަހަރުގެ އެކްޝަން ފިލްމު "ކިލް" އިން ތައާރަފުކުރި އެކްޓަރެވެ. ސެހެރް އަކީ އެކްޓަރި ސަނީ ޑިއޯލްގެ ދޮށީ ދަރިފުޅު، ކަރަން ޑިއޯލް ބޮލީވުޑަށް ތައާރަފުކުރި 2019 ގެ ފިލްމު "ޕަލް ޕަލް ދިލް ކޭ ޕާސް" ގެ ބަތަލާ އެވެ.

ބޮލީވުޑްގެ ވާހަކަތަކެއް ކިޔައި ދޭނެ "ބޭޑްސް އޮފް ބޮލީވުޑް" ގައި އެ ދެ ތަރިންނާ އެކު ބޮޑު ކާސްޓެއް ފެންނާނެ އެވެ. އޭގެ ތެރޭގައި ބޮބީ ޑިއޯލް، މޯނާ ސިންގް، ރާގަވް ޖުޔަލް، ގޯތަމީ ކަޕޫރް، މާނަވް ޗޯހަން އަދި މަނޯޖް ޕަހްވާ ހިމެނެ އެވެ. މީގެ އިތުރުން ވަރަށް ގިނަ ތަރިންތަކެއްގެ ހާއްސަ ފެނިލުންތަކެއް ވެސް ސީރީޒްގައި ހިމެނޭނެ އެވެ. އޭގެ ތެރޭގައި ޝާހްރުކް ވެސް ހިމެނެ އެވެ.

އަރިއަންގެ ފުރަތަމަ ޑައިރެކްޝަންގެ ފަސްޓްލުކް ޓީޒާ މިއަދު ދައްކައިލި ނަމަވެސް ނެޓްފްލިކްސް އިން ގެނެސްދޭން ހަމަޖެހިފައިވާ "ބޭޑްސް އޮފް ބޮލީވުޑް" ޕްރީމިއާ ކުރާނެ ތާރީހެއް އަދިވެސް އިއުލާނެއް ނުކުރެ އެވެ. އެކަމަކު މީގެ ޕްރިވިއުއެއް މި މަހުގެ 20 ގައި ގެނެސްދޭނެކަން މިއަދު ހާމަކޮށްފައިވެ އެވެ.

"ބޭޑްސް އޮފް ބޮލީވުޑް" އަކީ އަރިއަންގެ އާއިލީ ފިލްމު ކުންފުނި ރެޑް ޗިލީސް އިން ގެނެސްދޭ އެއްޗެކެވެ. އަދި މީގެ ޕްރޮޑިއުސަރަކީ އޭނަގެ މަންމަ ގޯރީ ޚާނެވެ.