Last Updated: August 19, 22:39
Tuesday, August 19, 2025
ޚަބަރު

ޓެގް އަޅުވައި ދޫކުރި މީހުންގެ އަދަދު 10 އަށް

'ވާނުވާ" ބަންދުގައި ތިބި މީހުންގެ ތެރެއިން ޓެގް އަޅުވައި ދޫކޮށްލި މީހުންގެ އަދަދު މިހާރު 10 އަށް އަރައިފި އެވެ.

ވާނުވާ ބަންދުގެ މައްސަލައަށް ހައްލު ގެނައުމަށް ޓެގު އަޅުވާފައި މީހުން ދޫކުރަން ފެށީ، މިދިޔަ މެއި މަހުގެ 28 އިން ފެށިގެންނެވެ. އެ ނިޒާމުގެ ތެރެއިން ދޫކުރާ މީހުންގެ ވަނަވަރު ކްރިމިނަލް ކޯޓުން އާންމު ވެސް ކުރެ އެވެ. އެގޮތުން އެންމެ ފަހުން މިދިޔަ މަހުގެ ތެރޭހައި ޓެގް އަޅޫވައި ދޫކޮށްލީ އައްޑޫ މީދު އަށް އުފަން 23 އަހަރުގެ ޒުވާނެކެވެ.

ޓެގު އަޅުވައި ދޫކުރި މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ މީހުން:

1. މުހައްމަދު ނާޖިހު- މެއި 28، 2025
2. މުހައްމަދު ނަމީން- މެއި 28، 2025
3. އިބްރާހިމް ރަޝާދު- މެއި 29، 2025
4. އަލީ އަބްދުއްރަހްމާން- ޖޫން 3، 2025
5. ހުސައިން އަބްދުލް މަޖީދު – ޖޫން 3، 2025
6. އަބްދުﷲ ފަސީހު- ޖޫން 3، 2025
7. އަހުމަދު ލުޖައިން- ޖުލައި 17، 2025

ޓެގު އަޅުވައި ދޫކުރި މާރާމާރީގެ މައްސަލަތަކުގައި ހިމެނޭ މީހުން:

1. ޝިނާން އަންވަރު- މެއި 29، 2025
2. އަހުމަދު ސަނީން- މެއި 29، 2025
3. އަހުމަދު ޔަޒާން މުލާޒް- ޖުލައި 13، 2025

ޓެގު އަޅުވައި ދޫކޮށްލަނީ ޝަރުތުތަކެއްގެ މަތިން 100 ދުވަހަށެވެ.

ޖޫން މަހުގެ ތެރޭގައި ޕީޖީ އޮފީހުން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުން، އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމުގެ ތެރެއިން ޓެގު އަޅުވައި، ދޫކޮށްލަން އެދި އޭރު 121 މީހަކު ފޯމު ލިބިފައިވެ އެވެ. އަދި ފުލުހުންގެ އެސެސްމަންޓު ހެދުމަށް ފަހު، އޭގެ ތެރެއިން 20 މީހަކު ބަންދުން ދޫކޮށްނުލުމަށް ޕީޖީން ނިންމި އެވެ.

ޕީޖީ އޮފީހުން ބުނެފައި ވަނީ ބަންދަށް ލުއި ދެވޭނީ ޓެގް އެޅުވުމުން އެ މީހުންގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަކުރެވިދާނެ ކަމަށް ފެންނަ ބާވަތްތަކުގެ ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންނަށް ކަމަށެވެ. އެ ނޫން މީހުންގެ ބަންދަށް އެ ނިޒާމުގެ ތެރެއިން ލުޔެއް ނުދޭނެ އެވެ.

އޭގެ ތެރޭގައި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައިގައި ބަންދުކޮށްފައިވާ މީހުންނާއި މަރުގެ މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހުންނާއި ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހުންގެ އިތުރަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ބޮޑެތި މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހުން ހިމެނެ އެވެ.