Last Updated: August 18, 13:53
Monday, August 18, 2025
ޚަބަރު

ޒުވާނުންނަށް މަސްވެރިކަމުގެ ތަމްރީނު ޕްރޮގްރާމެއް

ޒުވާނުންނަށް މަސްވެރިކަމުގެ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމައި އޭގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މިއީ ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުޤުވެރިކަން އުފައްދައި، މަސްވެރިކަމާއި މަސްވެރިކަމުގެ ދާއިރާއާ ގުޅޭ މަސައްކަތްތަކަށް ޒުވާނުން ނެރުމަށް ކަމާ ގުޅޭ ތަމްރީނާއި ހުނަރު ހޯދުމުގެ ފުރުޞަތު ޒުވާނުންނަށް ފަހިކޮށް ދިނުމަށް ހިންގަން ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށެވެ.

އެގޮތުން ވޯލްޑް ބޭންކްގެ އެހީގައި ކުރިއަށް ގެންދާ 'ޓްރާންސްފޯމިން ފިޝަރީޒް ސެކްޓާ އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް' ގެ ދަށުން މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައި ވަނީ 3 މަސް ދުވަހުގެ މުއްދަތަށެވެ.

މި ތަމްރީން ޕްރޮގްރާމްގައި މަސްވެރިކަމާ ބެހޭ ފަންނީ މަޢުލޫމާތު ދިނުމުގެ އިތުރުން އަމަލީ ގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވުމުގެ ފުރުޞަތު ޕްރޮގްރާމުގެ ބައިވެރިންނަށް ފަހިކޮށް ދޭނެ އެވެ. އެގޮތުން،ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ރާއްޖޭގައި ހަރަކާތްތެރިވާ އުޅަނދުތަކުގެ ތެރެއިން ނިސްބަތުން އެންމެ ފާހަގަކޮށްލެވޭ ދޮށީގެ މަސްވެރިކަން ކުރާ އުޅަނދެއްގައި ޢަމަލީ ގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވެ މަސްވެރިކަން ކުރާ ގޮތުގެ ތަމްރީނާއި ހުނަރު ރާއްޖޭގެ އެންމެ ފުންނާބު އުސް ކެޔޮޅުންގެ ފަރާތުން އުނގެނި ދަސްކުރުމުގެ ފުރުޞަތު ވެސް ބައިވެރިންނަށް ލިބޭނެ އެވެ.

މިނިސްތްރީން ބުނީ މި ތަމްރީން ޕްރޮގްރާމް ފަށަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ތެރޭގައި ކަމަށެވެ. ޕްރޮގްރާމްގެ މުއްދަތުގައި، ބައިވެރިންނަށް ދުވަހު އެލަވަންސެއް ވެސް ދޭނެ އެވެ.

އެހެންވެ ބައިވެރިވާން ޝައުގުވެރިވާ 24 އަހަރުން ދަށުގެ ޒުވާނުންނަށް ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 27 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. މިނިސްޓްރީން ބުނީ 18 އަހަރު ދަށުގެ ޒުވާނެއް ނަމަ، ބެލެނެވެރިޔާގެ ހުއްދައިގެ ލިޔުމެއް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

މި ތަމްރީނު ޕްރޮގްރާމާ ގުޅޭ އިތުރު މައުލޫމާތު މި ނަންބަރު 3339276 އިން ހޯދޭނެ އެވެ.