Last Updated: August 18, 23:01
Monday, August 18, 2025
ޚަބަރު

ހިތަދޫ ބިލިއާޑް ހޯލަށް ކުރިއެރުންތަކެއް

އައްޑޫ ހިތަދޫ ކޮމިއުނިޓީ ސެންޓަރުގައި ހުންނަ ބިލިއާޑް ހޯލު ބޮޑުކޮށް އެތަނުގެ ވަސީލަތްތައް ރަނގަޅު ކުރަން ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށް ކޮމިއުނިޓީ ސެންޓަރުން ބުނެފި އެވެ.

އެތަނުން ބުނީ އައްޑޫ ސިޓީ ކައުންސިލުން ސެންޓަރާ ހަވާލުވި ފަހުން ބިލިއާޑް ހޯލު އިތުރަށް ބޮޑުކޮށް، އެތަނަށް ބިލިއާޑް އިތުރު ދެ މޭޒް ވެސް އިތުރުކޮށް، ކުރިން ހަލާކުވެފައި ހުރި މޭޒުތަކެއް މަރާމާތުކޮށް، އިތުރު މޭޒުތަކެއް ގެނައުމުގެ މަސައްކަތް ވެސް ކުރެވެމުން އަންނަ ކަމަށެވެ.

އެގޮތުން ޑިސެމްބަރު މަހުގެ ކުރިން ރަނގަޅު ބްރޭންޑެއްގެ އިތުރު ދެ މޭޒް ވެސް ބަހައްޓައި، ޑިސެމްބަރު މަހުގެ ތެރޭގައި ބޮޑު މުބާރާތެއް ބާއްވަން ތައްޔާރު ވެސް ވަމުން އަންނަ ކަމަށް ހިތަދޫ ކޮމިއުނިޓީ ސެންޓަރުން ބުންޏެވެ.

އެތަނުން ވަނީ ކައުންސިލުން ސެންޓަރާ ހަވާލުވި ފަހުން އެތަނުގެ ކުރިއެރުމަށް ކައުންސިލާއި ހިތަދޫ އަވަށު އޮފީހުން ކުރަމުން އަންނަ މަސައްކަތަކަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.

ހިތަދޫ ކޮމިއުނިޓީ ސެންޓަރަކީ އައްޑޫގެ މިފަދަ ސެންޓަރުތަކުގެ ތެރެއިން ގިނަ ވަސީލަތްތަކާ އެކު މިހާރު އެންމެ ރަނގަޅަށް ހިނގަމުން އަންނަ ސެންޓަރެވެ. އެތަނުގައި ތަފާތު އެކި ކުޅިވަރު ކުޅެވޭނެ ވަސީލަތްތަކާއި ކަސްރަތު ކުރަން ޖިމެއް ވެސް ގާއިމުކޮށްފައި ހުރެ އެވެ.