Last Updated: August 19, 22:39
Tuesday, August 19, 2025
ޚަބަރު

އާ ޓާމިނަލުން ފިޓްސް އެއާ އަށް ވެސް ހިދުމަތް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލުން ފިޓްސް އެއާއަށް ވެސް ހިދުމަތް ދޭން ފަށައިފި އެވެ.

މިއީ އެ ޓާމިނަލިން ހިދުމަތް ދޭން ފެށި ހަތަރު ވަނަ އެއާލައިނެވެ. އަދި މިއީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ސްރީ ލަންކާގެ ފުރަތަމަ އެއާލައިން ވެސް މެ އެވެ.

އެކަމަށްޓަކައި އާ ޓާމިނަލްގައި މިއަދު ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާ އިރު، އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެ އްވީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ އެވެ.

އެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ/މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފާއި ދެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްޢާން އަދި ކުންފުނީގެ ބޯޑް މެންބަރުންނާއި އިސްވެރިންގެ އިތުރުން ފިޓްސް ހޮލިޑޭސްގެ ޑިރެކްޓަރު އަނާހް ކާސިމް އަދި ފިޓްސް އެއާގެ އޮޕަރޭޝަންސް އެގްޒެކެޓިވް އިބްރާހިމް އަމީން ހަސަން މަނިކު ބައިވެރިވެވަޑައިގެންނެވި އެވެ.

ރަސްމިއްޔާތުގައި ފިޓްސް އެއާގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާލައިނުން ފުރި 71 ފަސިންޖަރުންނަށް ހަދިޔާ ވެސް ދީފައިވެ އެވެ. ޓާމިނަލް 1 އަށް ކައިރި ކުރި ފިޓްސް އެއާގެ ފުރަތަމަ މަތިންދާބޯޓު 8ޑީ-921 އަށް ހާއްސަ ވޯޓާ ސެލިއުޓެއް އަރުވައި، އެ ފްލައިޓުން ރާއްޖެ އައި 154 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައިވެ އެވެ.

ފިޓްސް އެއާ އަކީ ލަންކާގެ އެންމެ ބޮޑު ޕްރައިވެޓް އެއާލައިނެވެ. އެ އެއާލައިން އިން ރާއްޖެއާއި ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯއާ ދެމެދު ދަތުރުތައް ފެށީ 2022 ގަ އެވެ.

މިދިޔަ މަހުގެ 26 ގައި ހުުޅުވި އާ ޓާމިނަލުން މިހާރު ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އާއި އަދި ޔޫއޭއީގެ އެއާ އަރަބިއާގެ އިތުރުން ލަގްޒަރީ އެއާލައިން ބިއޯންޑަށް ވަނީ ހިދުމަތް ދޭން ފަށައިފަ އެވެ.

އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަ ށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮ ށްދިނުމެވެ.