Last Updated: August 19, 22:39
Tuesday, August 19, 2025
ޚަބަރު

ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒު އުފައްދައިފި

ދިވެހީންގެ މެދުގައި ގައުމިއްޔަތުގެ އިލްމާއި ވިސްނުން އުފެއްދުމުގެ މަގުސަދުގައި ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުގެ ނަމުގައި ހާއްސަ އިދާރާއެއް ރައީސް މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފި އެވެ.

ރައީސް އޮފީހުން ބުނީ އެ އިދާރާ ހިންގާނީ ތަރިކައާ ބެހޭ މިނިސްޓްރީގެ ދަށުން ކަމަށެވެ. އެ އިދާރާ އުފެއްދީ "ދިވެހި ގައުމިއްޔަތު އާލާ ކުރުމުގެ ގައުމީ ނިޒާމު" ގެ ތެރެއިން ދިވެހި ބަހާއި ތާރީހާއި ތަރިކަ އާއި އާދަކާދަތަކުގެ އިތުރުން ގައުމިއްޔަތުގެ އިލްމެއް އުފަންކޮށް ދިރުވައި އާލާ ކުރުމަށް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ދިވެހި ތަރިކަ ދިރާސާ ކުރާ ގައުމީ މަރުކަޒުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ދިވެހީންގެ މެދުގައި ދިވެހިންވަންތަކަމާއި ދިވެހީންގެ ހައްގުގައި ހިދުމަތް ކުރުމުގެ ވިސްނުމާއި ރޫހު ދިރުވައި އާލާ ކުރުމެވެ.

މީގެ އިތުރުން ރާއްޖެ އާއި ދިވެހި ގައުމިއްޔަތާ ގުޅޭ ގޮތުން އެކި ބަސްބަހުން ލިޔެފައި ހުންނަ ލިޔުންތައް ދިވެހި ބަހަށް ތަރުޖަމާ ކުރުމާއި ރާއްޖެ އާއި ދިވެހީންނާ ގުޅޭ ގޮތުން ހުރި އެވޭލާ ބަސްމަގުގެ ލިޔުންތައް މިހާރުގެ ބަސްމަގަށް ބަދަލު ކުރުން ވެސް އެ އިދާރާގެ މަސައްކަތްތަކުގެ ތެރޭގައި ހިމަނާފައިވެ އެވެ.