ޕާކިސްތާނަށް ކުރިމަތިވި ވިއްސާރައިގެ ސަބަބުން ގިނަ ބަޔަކު މަރުވެ، ލިބުނު ގެއްލުންތަކާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.
ރައީސްގެ މެސެޖުގައި، މި ހިތާމަވެރި ހާދިސާއާ ގުޅިގެން ހިތާމަ ފާޅުކުރައްވައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި މަރުވެފައިވާ މީހުންގެ ޢާއިލާތަކަށާއި މި ކާރިސާގެ ސަބަބުން އަސަރުކުރި އެންމެހައި ފަރާތްތަކަށް ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ.
އަދި މިދަތި އުނދަގޫ ދަނޑިވަޅުގައި ޕާކިސްތާނާއެކު ރާއްޖެ ދެމި އޮންނާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވި އެވެ.
ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގައި މަރުވި މީހުންގެ އަދަދު ވަނީ 300 އިން މައްޗަށް އަރާފަ އެވެ. މި މޫސުމީ ވިއްސާރައިގައި އެންމެ ބޮޑަށް ފެންބޮޑުވެފައި ވަނީ ފަރުބަދަމަތީގެ ސަރަހައްދުތައް ކަމަށްވާ ޙައިބަރު ޕަކުންވާގެ އިތުރުން ކަޝްމީރުގެ ޕާކިސްތާނާވީ ފަޅީގަ އެވެ.