ރާއްޖެ އަށް ޓޫރިސްޓުންގެ އަދަދު 1.4 މިލިއަނަށް އަރައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ޓޫރިސްޓް އެރައިވަލްސްގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 16 އާ ހަމައަށް ރާއްޖެއަށް ވަނީ ޖުމްލަ 1،402،715 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1،286،377 ޓޫރިސްޓުންނެވެ.
ރާއްޖެ އަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ ތިން ގައުމަށް ބަލާ އިރު، ޗައިނާ އިން 215،388 ޓޫރިސްޓުން، ރަޝިއާ އިން 166،496 ޓޫރިސްޓުން އަދި އިނގިރޭސިވިލާތުން 128،786 ޓޫރިސްޓުން އައިސްފައިވެ އެވެ.
މިހާރު ރާއްޖެ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 6،740 ޓޫރިސްޓުން އާދެ އެވެ.
ރާއްޖޭގެ މި އަހަރުގެ ޓާގެޓަކީ 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ. މިދިޔަ އަހަރު ރާއްޖެ އަށް 2 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ.