Last Updated: July 10, 06:44
Friday, July 10, 2026
ޚަބަރު

ޔޫތު އެޑްވައިޒަރީ ބޯޑުން މާހިލް އިސްތިއުފާ ދެއްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ޒުވާނުންގެ ކަންކަމުގައި މަޝްވަރާ އާއި ހިޔާލު އެރުވުމުގެ ގޮތުން އުފައްދާފައިވާ ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީން އަބްދުﷲ މާހިލް ޝަހީމް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

މާހިލް އަކީ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދުގެ ދަރިކަލުންނެވެ. މާހިލް ޒުވާނުންގެ މަޖިލީހަށް މާހިލް އައްޔަނު ކުރީ 12 އޮގަސްޓު 2024ގަ އެވެ.

އެ ބޯޑުން މާހިލް އިސްތިއުފާ ދީފައިމިވަނީ ރާއްޖެއަށް ވައިގެ މަގުން، ވަގަށް ވޭޕް އެތެރެ ކުރަން އުޅުނު މައްސަލައެއްގައި އޭނާ ހިފަހައްޓައި ޖޫރިމަނާކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

މާހިލް އާއި އިތުރު މީހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހިފެހެއްޓީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މެލޭޝިއާއިން ރާއްޖެ އައުމުންނެވެ. އެ ދެ މީހުން ޖޫރިމަނަކުރި އަދަދެއް އަދި މިކަމާ ގުޅޭ އެއްވެސް ތަފްސީލެއް ކަސްޓަމްސް އިން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

މިދިޔަ ނޮވެމްބަރު 15، އިން ފެށިގެން, ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެތަކެތި ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް އެތެރެކޮށްފި ނަމަ، 50،000ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އިރު، އެތެރެކުރި ކޮންމެ އީ-ސިނގިރޭޓް ނުވަތަ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތަކަށް 10،000ރ. ގެ މަގުން ޖޫރިމަނާ ކުރާނެ އެވެ.