Last Updated: August 18, 23:01
Monday, August 18, 2025
ކުޅިވަރު

އާސެނަލް އިން ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލް އިން 1-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފި އެވެ.

ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗުގެ 13 ވަނަ މިނެޓްގައި ރިކާޑޯ ކަލަފިއޯރީ ވަނީ އާސެނަލަށް ލީޑު ނަގައިދީފަ އެވެ. މިއީ ޔުނައިޓެޑްގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ފޮނުވާލައިގެން ކަލަފިއޯރީ ކާމިޔާބުކުރި ގޯލެކެވެ.

ފުރަތަމަ ހާފުގައި ނަތީޖާ އެއްވަރުކޮށްލަން ޔުނައިޓެޑުން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. އެގޮތުން އެޓީމުގެ ފުލްބެކް ޕެޓްރިކް ޑޯގޫ ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، މަޓެއުސް ކުންޔާ ފޮނުވާލި ހަމަލާ މަތަކުރީ އާސެނަލްގެ ކީޕަރު ޑޭވިޑް ރަޔާ އެވެ. ދެވަނަ ހާފުގައި ވެސް ކުންޔާ ވަނީ ބޮލުން ނުރައްކާތެރި ހަމަލާއެއް އާސެނަލްގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފަ އެވެ. ނަމަވެސް އެ ހަމަލާވެސް ރަޔާ ވަނީ މަތަކޮށްފަ އެވެ.

ޕްރިމިއާ ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ޗެލްސީ އާއި ކްރިސްޓަލް ޕެލެސް ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މި މެޗުގައި ޕެލެސް އިން ރަނގަޅު ކުޅުމެއް ދެއްކިއިރު، ޗެލްސީއަށް ގޯލުޖަހާނެ ފުރުސަތުތައް ތަނަވަސްކުރުމުގައި އުނދަގޫތަކެއް ކުރިމަތިވެފައިވެ އެވެ.

ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓުން ވަނީ 3-1 އިން ބްރެންޓްފޯޑް ބަލިކޮށްފަ އެވެ. ފޮރެސްޓުގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ ކްރިސް ވުޑް އެވެ. އަނެއް ގޯލު ކާމިޔާބުކޮށްދިނީ ޑޭން އެވެ. ބްރެންޓްފޯޑްގެ ހަމައެކަނި ގޯލު އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އިގޯ ތިއާގޯ އެވެ.