Last Updated: July 10, 06:44
Friday, July 10, 2026
ޚަބަރު

ސަރުކާރުން އުޅެނީ ފައިސާ ދީގެން ރައްޔިތުން އަޅުވެތިކުރަން

ސަރުކާރުން އުޅެނީ ފައިސާ ދީގެން ރައްޔިތުން އަޅުވެތިކުރަން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ފ. މަގޫދޫ ކައުންސިލުން އެ ރަށުގައި ތަރައްޤީ ކޮށްފައިވާ ބައެއް ބިނާތައް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ސޯލިހު ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އެންމެ އަމާޒެއްގައި ކަމަށާއި އެއީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓު ހޯދުން ކަމަށެވެ. އެކަން ކުރުމަށްޓަކައި އެންމެ ފުރަތަމަ ކުރާނެ ކަމަކީ ރައްޔިތުން އަޅުވެތި ކުރުން ކަމަށް ސޯލިހު ވިދާޅުވި އެވެ.

"އެކަން ކުރުމަށް ރައްޔިތުންނަށް މަދު ފައިސާ ކޮޅެއް ދީގެން އަޅުވެތި ކުރުމަށް ސަރުކާރުން ބޭނުންވާނެ. އެކަން ފެނިގެން ދާނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި،" ސޯލިހު ވިދާޅުވި އެވެ.

ސޯލިހު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް އެމްޑީޕީ ނޫން ބަޔަކު ވެރިކަަމަށް އަންނަ ކޮންމެ ފަހަރަކު ބަދަލުތައް ގެންނަނީ ކައުންސިލްތަކަށް ބާރުވެރިކަން ދޫކޮށްލަން ބޭނުން ނުވާތީ ކަމަށެވެ. ނަމަވެސް ދެން އުފެދޭ އެމްޑީޕީގެ ސަރުކާރެއްގައި އަނެއްކާ ވެސް ކައުންސިލްތަކަަށް އިހު އޮތް ބާރުވެރިކަން ދޭނެ ކަމުގެ ޔަގީންކަން ސޯލިހު ދެއްވި އެވެ.

މީގެއިތުރުން ސޯލިހު ވަނީ މި ސަރުކާރުން ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ނުގެންދާ ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން ސަރުކާރުން ކުރާ ކަމަކީ ރައްޔިތުން އަޅުވެތި ކުރުމުގެ މަސައްކަތް ކަމަށްވެސް ވިދާޅުވެފަ އެވެ.