ރައްޔިތުންގެ ހައްގުގައި ވާހަކަދައްކާ ހަމައެކަނި ޕާޓީއަކީ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ކަމަށް، އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފުން ރޭ ބޭއްވި ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ޕީއެންއެފްގެ މެމްބަރަކަށް ވާތީ ފަހުރުވެރިވާ ކަމަށާއި ރައްޔިތުން އުޅޭ ހިތްދަތިކަމާއި، ގިލަންވެރިކަމުގެ ވާހަކަ ރައްޔިތުންގެ ހައްގުގައި އެންމެ ގަދައަށް ދައްކާ ބަޔަކީ ވެސް ޕީއެންއެފަށް ނިސްބަތްވާ މީހުން ކަމަށެވެ.
"އެހެން ޕާޓީތަކާއި އެހެން ލީޑަރުން މި ސަރުކާރުން ހަވާކައިގެން އުޅޭތީ ނޫނީ އެމީހުންގެ ހެވަތުގައި އުޅޭތީ، ދިވެހި ރައްޔިތުންގެ ހައްގުގައި އެއްޗެއް ނުބުނެއޭ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ޕީއެންއެފުން އޮތީ ރައްޔިތުންގެ ފަޅީގައި ކަމަށާއި ޕީއެންއެފްގެ މެމްބަރުންގެ ގޮތުގައި ތިބުމަކީ ފަހުރެއް ކަމަށެވެ. އަދި ސަރުކާރު ޖަވާބުދާރީކުރުވުމުގެ ކަންކަން ކުރަނީ ޕީއެންއެފްގެ "ހާލިން" ކަމަށާއި ހާއްޔަކީ އެއްޗެހި ވިއްސަން ބޭނުންކުރާ ވެށި ކަމަށްވާއިރު، ޕީއެންއެފްގެ ހާލީގެ ތެރެއިން ސަރުކާރަށް އުނދަގޫވާ ވަރުގެ ފަނިތައް ވެސް ވިހާފާނެ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
"އަދި މި ސަރުކާރު ވައްޓާލާ ވަރުގެ ފަނިތައް ވިހާނީ ހާއްޔެއްގެ ތެރެއިން. އެހެންވީމާ މިފަދަ ހާއްޔެއް ނެތް އެއްވެސް އެހެން ތަނަކު. މިފަދަ ހާއްޔެއް އަޅުގަނޑުމެންނަށް ނުފެނިގެން މި އުޅެނީ އެއްވެސް އެހެން ތަނަކުން،" ޔާމީން ވިދާޅުވި އެވެ.
ޔާމީންގެ ޕީއެންއެފުން ސިލްސިލާ ގޮތެއްގައި އަންނަނީ ކޮންމެ އާދީއްތަ އަދި ބުރާސްފަތި ދުވަހު އެ ޕާޓީގެ އޮފީހުގައި ޖަލްސާތައް ބާއްވަމުންނެވެ. އަދި އަންނަ ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފުން އަންނަނީ މާލޭގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ.