Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ސާވިސް އެލަވެންސުން އުނިކުރި ފައިސާ އަވަސް ގޮތެއްގައި ދޭން ޖެހޭނެ: ޝަމީލް

ސިވިލް ސާވެންޓުންގެ ސާވިސް އެލަވެންސުން މިހާތަނަށް އުނިކޮށްފައިވާ ފައިސާ ވީ އެންމެ އަވަސް މުއްދަތެއްގައި އެ މުވައްޒަފުންނަށް ދޭން ޖެހޭނެ ކަމަށް، ސާވިސް އެލަވެންސްގެ މައްސަލައިގައި ހައި ކޯޓުގައި ވަކާލާތު ކުރެއްވި އަލްއުސްތާޛް އިބްރާހިމް ޝަމީލު ވިދާޅުވެއްޖެއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ޝަމީލް ވިދާޅުވި ގޮތުގައި، އެ ފައިސާއަކީ(ސާވިސް އެލަވެންސް އިން އުނިކުރި ފައިސާ) މިހާރު ވެސް ބަޖެޓް ކުރެވިފައި ހުންނާނެ ފައިސާ ކަމަށާއި މިހާރުން މިހާރަށް ވެސް ސިވިލް ސާވެންޓުންނަށް އުނިކުރި ފައިސާ ދޭން ޖެހޭނެ ކަމަށެވެ.

ޝަމީލް އިތުރަށް ވިދާޅުވި ގޮތުގައި، ހައި ކޯޓުގެ ހުކުމާއި އެކު ކޮންމެ ސިވިލް ސާވެންޓުން އުނިކުރި ފައިސާ ހޯދަން ޓްރައިބިއުނަލް އަށް ދާން ޖެހޭނެ ކަމަށް، ޤަބޫލު ނުކުރައްވާ ކަމަށެވެ.

"ކޮންމެ މުވައްޒަފަކު ވަކިން ޓަރައިބިއުނަލް އަށް ފައިސާ ހޯދަން ދާން ޖެހޭނެ ކަމަށް ޤަބޫލެއް ނުކުރަން. އެހެން ދާން ޖެހިއްޖެ ނަމަ 30 ހާހަށް ވުރެ ގިނަ ސިވިލް ސާވެންޓުން ޖެހޭނީ ކޮންމެ މީހަކު ވަކިން މައްސަލަ ހުށަހަޅަން" ޝަމީލް ވިދާޅުވިއެވެ.

މީގެ ކުރިން ޓްރައިބިއުނަލް ގެ ނިންމުމަށް ސިވިލް ސާވިސް ކޮމިޝަނުން ތަބާ ނުވި ނަމަވެސް، ހައި ކޯޓުގެ ހުކުމާއި އެކު އުނިކުރި ފައިސާ ދޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް ޝަމީލް ވިދާޅުވިއެވެ.

އައްޑޫ ސިޓީ، ހިތަދޫ އަށް ނިސްބަތްވާ ޤާނޫނީ ވަކީލް ވިދާޅުވި ގޮތުގައި، ސާވިސް އެލަވެންސް މައްސަލައިގައި ހައި ކޯޓުގައި ވަކާލާތު ކުރެއްވީ، ހުރިހާ ސިވިލް ސާވެންޓުންގެ ހައްގުގައި ކަމަށާއި ހައި ކޯޓުގެ ހުކުމަކީ، ސިވިލް ސާވެންޓުންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ.

'އައްޑޫލައިވް' އަށް އެނގިފައިވާ ގޮތުގައި، އައްޑޫ ސިޓީ ކައުންސިލްގެ މުވައްޒަފަކު ހުށަހެޅި މައްސަލައިގައި ޝަމީލް ވަކާލާތު ކޮށްފައިވަނީ އެއްވެސް ފީއެއް ނެގުމެއް ނެތިއެވެ.