Last Updated: August 21, 00:05
Wednesday, August 20, 2025
ޚަބަރު

ބިޑަކާ ނުލައި މީދޫ ޓޫރިޒަމް ޒޯނުން ބިމެއް ދިން މައްސަލައެއް

މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހުމާން (އައްދު) - ފޮޓޯ: މަޖިލިސް

ބިޑަކާ ނުލައި އައްޑޫ ސިޓީ މީދޫ ޓޫރިޒަމް ޒޯނުގެ ބިމުން ބޮޑުބައެއް ދިން މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅުން ހުރި ކޮމިޓީއަކަށް ހުށަހަޅައިގެން ބެލުމަށް މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާން (އައްދު) ހުށަހަޅުއްވައިފި އެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް އައްދު ފޮނުއްވި ސިޓީގައި ވިދާޅުވީ މީދޫ ޓުއަރިޒަމް ޒޯންގެ ބިމުން ބޮޑު ބައެއް ބިޑުކުރުމެއް ނެތި، އަމިއްލަ ފަރާތަކަށް ގަވާއިދާ ޚިލާފަށް ދޭން ހަމަޖެއްސި ކަމަށް ބުނެ އާންމުންނާއި އައްޑޫ ޓުއަރިޒަމް ސެކްޓާގެ ސްޓޭކް ހޯލްޑަރުންގެ ތެރެއިން ގިނަ ބަޔަކު އެކަމުގެ ކަންބޮޑުވުން ހިއްސާކޮށްފައިވާ ކަމަށެވެ.

ގަވާއިދާ ހިލާފަށް މީދޫ ޓުއަރިޒަމް ޒޯނުން ބޮޑު ބިމެއް ދިނުމަށް ނިންމާފައިވަނީ 'ސަންވިލް ޕްރައިވެޓް ލިމިޓެޑް' ކިޔާ ކުންފުންޏަކަށް ކަމަށް އެ ސިޓީގައިވެ އެވެ.

އެގޮތުން މީދޫ ޓުއަރިޒަމް ޒޯނުން 17،500 އަކަފޫޓުގެ ތިން ބިން ކަމަށްވާ ޕްލޮޓް ނަންބަރު B1, C5, C4 އެ ކުންފުންޏަށް އެއްކޮށް ދީފައިވާ ކަމަށް އައްދު ވިދާޅުވި އެވެ. އަދި މި ތިން ބިން އެއްކޮށް، މި ތަންތަން ހިމަނައިގެން ޖުމްލަ 6000 އަކަމީޓަރު ކުއްޔަށް އަދި އެއާއި އިންވެގެންވާ ބިމާ އެކީ އެއްލައްކަ އަކަފޫޓަށް ވުރެ ބޮޑުބިން، ރައްޔިތުންނާއި ސްޓޭކް ހޯލްޑަރުންނާއި މަޝްވަރާ ކުރުމެއް ނެތި ރަނގަޅު ޕްލޭނެއް ނެތި އަދި ބިޑުކުރުމެއް ނެތި، ރައްޔިތުންގެ ހައްގު އުނިވާނެ ގޮތަށް ކައުންސިލުން ދީފައިވާ ކަމަށް ސިޓީގައިވެ އެވެ.

އެ ބިންތައް ކުންފުންޏަށް ދޭން ކައުންސިލުން ފާސްކުރީ، ފެބްރުއަރީ 27ގައި ބޭއްވި އެ ކައުންސިލްގެ ޓޫރިޒަމް ކޮމިޓީގެ 46 ވަނަ ބައްދަލުވުމުގައި ކަމަށާއި ކައުންސިލުން އަވަސް ނިންމުމެއް ނިންމުމުގެ ސަބަބުން އެ ބިން ދެވިފައި ވަނީ އެތަނުގެ ތެރެއިން ހެދިފައިވާ މަގާއި، ކަރަންޓު ޑިސްޓްރިބިއުޝަން ބޮކްސްގެ އިތުރުން ޔުޓިލިޓީ ލައިންތައް ހިމެނޭ ގޮތަށް ކަމަށް ކައުންސިލާއި ހަވާލާދީ އައްދު ވިދާޅުވި އެވެ. އަދި އެ ބިން ދީފައިވަނީ އެހިސާބުން އޭގެ ކުރިން ބިން ލިބިފައިވާ ފަރާތެއްގެ ބިމަށް ވެސް ފުށުއަރާ ގޮތަށް ކަމަށް ސިޓީ ކައުންސިލާ ހަވާލާދީ އޭނާ ވިދާޅުވި އެވެ.

"މީދޫ ޓުއަރިޒަމް ޒޯނުން އިއުލާންކުރުމެއް ނެތި އަމިއްލަ ފަރާތަކަށް 50 އަހަރަށް ބިން ކުއްޔަށް ދީފައިވަނީ ގަވާއިދާ ހިލާފަށް ކަމުގައި ދަންނަވަމެވެ،" އައްދު ވިދާޅުވި އެވެ.

އައްދު ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް އައްޑޫގެ ބާކީ ޓުއަރިޒަމް ޒޯންތަކުން ވެސް ގަވައިދާ ޚިލާފަށް ބިންތައް ކުއްޔަށް ދެމުންދާކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށާއި މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއަކަށް އެ މައްސަލަ ހުށަހަޅައިގެން ވީ އެންމެ އަވަހަކަށް އެ މައްސަލަ ބަލައިދިނުމަށް އައްދު ވަނީ އެދިފަ އެވެ.