އައްޑޫގެ ތަރައްގީއާ ގުޅިފައިވާ މުހިއްމު ބައެއް ކަންކަން ކުރިއަށް ނުދާތީ އެކަމުގެ ޝަކުވާތަކާ އެކު "އާދޭސް ކުރަން" ކައުންސިލްގެ ޓީމެއް މާލެ ވަޑައިގެން ސަރުކާރުގެ އެކި އިދާރާތަކާ ބައްދަލު ކުރަން ފަށައިފި އެވެ.
އެގޮތުން ޓޫރިޒަމް މިނިސްޓްރީއާ އެކު ބޭއްވި ބައްދަލުވުމުގައި ޓޫރިޒަމަށް ތަރައްގީ ކިރަން ހަމަޖެހިފައި އޮތް ހަންކެޑެ ތަރައްގީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިފައި ނުވާތީވެ އެކަމާ އކަންބޮޑުވުން ފާޅުކުރުމާއި، ޝަންގްރިއްލާ ރިސޯޓު ނުގުޅުވި ދިގުލައިގެންދާތީ އެކަމުގެ ކަންބޮޑުވުންތައް ހުށަަހަޅާފައިވެ އެވެ.
މީގެ އިތުރުން އައްޑޫގެ ބިން ހިއްކަން މިދިިޔަ ސަރުކާރުގައި ކުރިއަށް ގެންދިޔަ މަޝްރޫއުގެ ތެރެއިން ޓޫރިޒަމަށް ހާއްސަކޮށްގެން ހިންގި ތިން ރަށުގެ ތަރައްޤީގެ މަސައްކަތްތަކުގެ އިތުރުން އައްޑޫގެ ޓޫރިޒަމް ތަރައްޤީއާ ގުޅުންހުރި ކަންކަމާ ގުޅޭ ގޮތުން މިނިސްޓްރީއާ މަޝްވަރާކޮށްފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
އަދި އައްޑޫގެ ގުޅިފައިވާ ރަށްތަކުން ނަގާ ކުނި ޖަމާކުރެވޭ ކުނި ކޮށީގެ ހާލަތާއި އެތަނުގެ ވަށާފާރު ރޭނުމަށް މަޝްވަރާ ދިނުމާއި ، ރީޖަނަލް ވޭސްޓް ސައިޓްގައި ގާއިމުކޮށްފައިވާ ކުނިއަންދާ މެޝިން ބޭނުންކުރަން ނުފެށިފައިވާ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނީ އައްޑޫ ނޭޗާ ޕާކް އިތުރުން ތަރައްގީ ކުރުމަށް ބޭނުންވާ ފަންޑް ހޯދުމާ ގުޅޭގޮތުން ވެސް މިނިސްޓްރީއާ މަޝްވަރާ ކުރުވުނު ކަމަށެވެ.
އައްޑޫ ސިޓީ ކައުންސިލުން "އާދޭސްކުރަން" މާލެ އަށް ކުރާ ދަތުރުގައި އިއްޔެ އެމްޓީސީސީ އާއި ވެމްކޯގެ މެނޭޖްމަންޓާ އެކު ބައްދަލުވުންތަކެއް ބޭއްވި އެވެ.
ކައުންސިލްގެ މި ދަތުރުގައި އެންމެ އިސްކޮށް ހުންނެވީ މޭޔަރު އަލީ ނިޒާރެވެ.
މީގެ ކުރިން ވެސް އައްޑޫގެ ކަންކަމާ ގުޅޭ ގޮތުން "އާދޭސްކުރަން" ކައުންސިލުން މާލެ އަށް އެކި ފަހަރު މަތިން ދަތުރުކޮށްފައިވެ އެވެ.