Last Updated: August 18, 23:01
Monday, August 18, 2025
މުނިފޫހިފިލުވުން

އަންނަ އަހަރު ފިލްމެއް ޑައިރެކްޓް ކުރާނަން: ކަރަން

އަންނަ އަހަރު ފިލްމެއް ޑައިރެކްޓް ކުރާނެ ކަމަށް ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރް ބުނެފި އެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ ބުނީ އަންނަ އަހަރަކީ އާ ފިލްމެއް ހަދަން ސެޓަށް ނުކުންނާނެ އަހަރެއް ކަމަށާއި ފިލްމު ހެދުމަކީ ހަޔާތުގައި އެންމެ އުފާވާ ކަންތައް ކަމަށެވެ.

ނަމަވެސް އާ ފިލްމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ.

އެކަމަކު ކަރަންގެ 50 ވަނަ އުފަން ދުވަހާ ދިމާކޮށް 2022 ގައި އޭނަ ދެން ޑައިރެކްޓް ކުރާނީ އެކްޝަން ފިލްމެއް ކަމަށް އިއުލާންކޮށްފައިވެ އެވެ. މިހާތަނަށް މުޅިން ވެސް ލޯބީގެ ފިލްމުތައް ގެނެސްދިން ކަރަން އޭރު ބުނެފައި ވަނީ އާ ފިލްމު ވާނީ އޭނަ އެކްޝަން ޖޯންރާ ތަޖުރިބާ ކުރާނެ ފިލްމަށް ކަަމަށެވެ.

ކަރަން އެންމެ ފަހުން ޑައިރެކްޓްކޮށް ގެނެސްދިން ފިލްމަކީ 2023 ގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެވެ. ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު އެ ރޮމޭންޓިކް ކޮމެޑީ އަކީ މި އަހަރުގެ ނެޝަނަލް އެވޯޑްގައި ދެ އެވޯޑެއް ލިބޭ ފިލްމެކެވެ. އާލިއާ ބަޓާއި ރަންވީރު ސިންގް ލީޑް ރޯލު ކުޅުނު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަށް ލިބޭ ދެ އެވޯޑަކީ ބެސްޓް ޕޮޕިއުލާ ފިލްމު ޕްރޮވައިޑިން ހޯލްސަމް އެންޓަޓައިންމަންޓް އެވޯޑާއި ފިލްމުގެ ލަވަތަކުގެ ތެރެއިން "ދިންޑޯރާ ބާޖޭ ރޭ" ގެ ނެށުން ތައްޔާރުކޮށް ދީގެން ވައިބާވީ މާޗަންޓަށް ލިބޭ އެންމެ މޮޅު ކޮރިއޮގްރާފަރުގެ އެވޯޑެވެ.

ބެލުންތެރިން އެންމެ އިތުބާރުކުރާ ބޮލީވުޑްގެ ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ކަރަން އަންނަ އަހަރު މަސައްކަތް ފަށާ ފިލްމު ވާނީ އޭނަގެ 8 ވަނަ ޑައިރެކްޝަނަށެވެ.

އޭނަގެ ފުރަތަމަ ފިލްމަކީ ހިންދީ ސިނަމާގެ އެންމެ ފާހަގަކޮށްލެވޭ ލޯބީގެ ފިލްމުތަކުގެ ތެރޭގައި ހިމެނޭ 1998 ގެ "ކުޗް ކުޗް ހޯތާ ހޭ" އެވެ. އޭގެ ފަހުން އޭނަ ގެނެސްދިން ފިލްމުތަކަކީ ކަބީ ހުޝީ ކަބީ ޢަމް (2001)، ކަބީ އަލްވިދާ ނާ ކެހެނާ (2005)، މައި ނޭމް އިޒް ޙާން (2010)، ސްޓޫޑެންޓް އޮފް ދި އިޔާ (2012) އަދި އޭ ދިލް ހެ މުޝްކިލް (2016) އެވެ.

ކަރަން އަކީ މިހާރު ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ޕްރޮޑަކްޝަން ހައުސް ކަމަށްވާ ދަރުމާ ޕްރޮޑަކްޝަންގެ ވެރިޔާ އެވެ.