އެމްޑަބްލިއުއެސްސީން ހުޅުމާލޭގައި ބެހެއްޓި 10،000 ޓަނުގެ ފެން ތާނގީ ބޭނުން ކުރަން ފެށުން އިފުތިތާހުކޮށްފި އެވެ.
އެކަން އިއްޔެ އިފުތިތާހުކޮށް ދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދެވެ.
އެމްޑަބްލިއުއެސްސީން ބުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އަމަލީ މަސައްކަތް ފެށި 24 މީޓަރު އުސް އެ ތާނގީގައި 10،000 ޓަނުގެ ފެން ރައްކާ ކުރެވޭނެ ކަމަށާއި މިއީ މިހާތަނަށް ރާއްޖޭގައި ބެހެއްޓި އެންމެ ބޮޑު ތާނގީ ކަމަށެވެ. އެ ތާނގީ ބެހެއްޓުމުގެ ހުރިހާ މަސައްކަތެއް ކުރީ ފެން ކުންފުނީގެ މުވައްޒަފުންނެވެ.
މާލެ ސަރަހައްދުގެ ފެނުހެ ކެޕޭސިޓީ އިތުރު ކުރަން އަލަށް ބެހެއްޓީ ތާނގީއާއެކު ހުޅުމާލޭގައި ފެން ރައްކާ ކުރެވޭ މިންވަރު 22،600 ޓަނަށް އިތުރުވެ، ޖުމްލަ ފެން ރައްކާ ކުރެވޭ މިންވަރު 79 ޕަސަންޓު އިތުރުވެފައިވާ ކަމަށް ފެބް ކުންފުނިން ބުންޏެވެ.
އެ ކުންފުނިން ބުނީ އާ ތާނގީ ބޭނުންކުރަން ފެށުމުން މާލެ އާއި ހުޅުމާލޭގައި ފެން ރައްކާކުރެވޭ ޖުމްލަ މިންވަރު 36،000 ޓަނުން 46،000 ޓަނަށް އިތުރުވީ ކަމަށެވެ.
ފެން ކުންފުނިން ބުނި ގޮތުގައި ސިނަމާލެ ބްރިޖް މަތިން އަޅާފައިވާ ހޮޅި މެދުވެރިކޮށް މާލެ އާއި ހުޅުމާލޭގެ ފެނުގެ ވިއުގަ މި އަހަރުގެ ފެބްރުއަރީ މަހު ވަގުތީ ގޮތުން ގުޅާލެވިފައިވުމާއެކު އެ ތާނގީގެ ސަބަބުން މާލޭގެ ފެނުގެ ހިދުމަތަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށެވެ.