Last Updated: August 18, 23:01
Monday, August 18, 2025
މުނިފޫހިފިލުވުން

ފައިސަލް އާއިލާއާ ގުުޅުން ކަނޑާލައިފި!

ފައިސަލް ކަނާތް ފަރާތުގައި، އާއިލާއާ އެކު.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ދެއްކި ވާހަކަތަކަކާ ގުޅިގެން އާއިލާ އިން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް ބޮލީވުޑްގެ އެކްޓަރު އާމިރު ޚާންގެ ކޮއްކޮ، ފައިސަލް ޚާން އާއިލީ ގުޅުން އެއްކޮށް ކަނޑާލައިފި އެވެ.

އިންސްޓަގްރާމް ޕޯސްޓެއްގައި ބުނީ އާއިލާއާ އޮތް ގުޅުން އެއްކޮށް ކަނޑާލަން ނިންމާފައިވާ ކަމަށާއި މި ނިންމުމަކީ އުނދަގޫ ނިންމުމެއް ކަމަށެވެ. އެކަމަކު މި ނިންމުމަކީ އޭނަ ކުރިއަށް ދާން މުހިއްމު ނިންމުމެއް ކަމަށެވެ.

"މިއާ އެކު މި ފެށުނީ ހަޔާތުގެ އާ ބާބެއް. އަދި މިއީ އަމިއްލަ މިނިވަންކަމާއި އަބުރުވެރިކަމާއި އަމިއްލަ ނަފުސުގެ ކަރަމާތާ އެކު ކުރިއަށް ދާން ނިންމި ނިންމުމެއް." އަބަދު ވެސް އާއިލާއާ ބެހޭ ގޮތުން ނުކިއްސަރުކޮށް ވާހަކަ ދައްކަމުންދާ ފައިސަލް ބުންޏެވެ.

ފައިސަލްގެ ޕޯސްޓްގައި ބުނެފައި ވަނީ އޭނަ މިހާތަނަށް އުޅެމުން އައީ ބޭބެ އާމިރުގެ ގޭގައި ކަމަށް ވިޔަސް ދެން އެ ގޭގައި ވެސް އުޅެން ބޭނުން ނުވާ ކަމަށާއި އާއިލާއާ އެއްވެސް ގުޅުމެއް ބޭނުން ނުވާ ކަމަށެވެ. އަދި އާމިރުގެ ފަރާތުން މިހާތަނަށް ލިބެމުން އައި މަހު އެލަވަަންސް ވެސް ދެން ބޭނުން ނުވާ ކަމަށެވެ،

ފައިސަލްއާ އާއިލާއާ ގުޅުން މި ކަނޑައިލީ ދާދި ފަހުން ޕިންކްވިލާ އަށް ދިން ޕޮޑްކާސްޓް އިންޓަވިއުއެއްގައި، އާއިލާ އިން އޭނައާ ދޭތެރޭ ވަރަށް އިހާނެތިކޮށް ހިތައި، ސިކުނޑީގެ މައްސަލައެއް ހުންނަ މީހެއް ގޮތަށް ދެކޭ ކަމަށެވެ.

އަދި އަހަރެއްހާ ދުވަހު އޭނަ ގޭތެރޭގައި ބަންދުކޮށްގެން ގެންގުޅުމުގެ އިތުރަށް، ހޮސްޕިޓަލެއްގައި ނަފުސާނީ ބަލީގެ މީހުން ތިބޭ ތަނެއްގައި އެޑްމިޓްކޮށް އެތަނުގައި ވެސް އޭނަ ވިއްސަކަށް ދުވަހު ގެންގުޅެފައިވާ ކަމަށް ފައިސަލް ބުނެފައިވެ އެވެ.

ފައިސަލްގެ އެ އިންޓަވިއުއާ ގުޅިގެން އާއިލާގެ ވަރަށް ގިނަ ބަޔަކު ހިމެނޭ ގޮތަށް ނެރުނު ބަޔާނެއްގައި ވަނީ އާއިލާއާ ބެހޭ ގޮތުން ދެއްކި ވާހަކަތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށް ބުނެ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. ބަޔާނުގައި ވަނީ އާއިލީ ޒާތީ ކަންކަމުގެ ވާހަކަތައް މީޑިއާތަކުގައި ނުފެތުރުމަށް ވެސް އެދިފަ އެވެ.

މިހާރު އުމުރުން އުމުރުން 58 އަހަރުގެ ފައިސަލް ލީޑިން އެކްޓަރެއްގެ ގޮތުގައި ބޮލީވުޑަށް ނުކުތީ 1994 ގެ ފިލްމު "މަދުހޯޝް" އެވެ. ބޭބެ އާމިރާ އެކު ވެސް ފިލްމެއް ކުޅެފައިވެ އެވެ. އެއީ 2000 ވަނަ އަހަރުގެ "މޭލާ" އެވެ. ފައިސަލް އެންމެ ފަހުން ފެނިފައި ވަނީ 2022 ގެ ކަންނާޑާ ފިލްމު "އޮޕަންޑާ" އިންނެވެ.

އޭނަ މިހާތަނަށް ކައިވެންޏެއްކޮށްފައެއް ނުވެ އެވެ.