ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ވަކިކުރުމާ ގުޅިގެން އޮސްޓްރޭލިއާގެ މަޝްހޫރު އެއާލައިން، ކުއާންޓާސް ރެކޯޑް އަދަދަކުން ޖޫރިމަނާކޮށްފި އެވެ.
އެ ގައުމުގެ ފެޑެރެލް ކޯޓުން ކުއާންޓާސް ޖޫރިމަނާކުރީ 90 މިލިއަން އޮސްޓްރޭލިއާ ޑޮލަރު (59 މިލިއަން އެމެރިކާ ޑޮލަރު) އިންނެވެ. މިއި އޮސްޓްރޭލިއާގެ އިންޑަސްޓްރީއާ ބެހޭ ގާނޫނުގެ ދަށުން މިހާތަނަށް އެ ގައުމުހެ ކުންފުންޏެއް މިހާ ބޮޑު އަދަދަކުން ޖޫރިމަނާކުރި ފުރަތަމަ ފަހަރެވެ.
އެ ޖޫރިމަނާ ގުޅޭ ގޮތުން ފަނޑިޔާރު މައިކަލް ލީ ވިދާޅުވީ ކުއާންޓާސްގެ މައްޗަށް އައި ޖޫރިމަނާ އަކީ ވަޒީފާދޭ އެހެން ފަރާތްތައް ވެސް ހޭލައްވާނެ އަދަބަކަށް ވާނެ ކަމަށެވެ.
ކޮވިޑްގެ ތެރޭގައި ހަރަދުތައް ކުޑަކުރަން އެޅި ފިޔަވަޅުތަކުގެ ތެރެއިން ކުއާންޓާސް އިން 1،820 މުވައްޒަފުން ވަޒީފާތަކުން ވަކިކޮށްފައިވެ އެވެ. އޭގެ ތެރޭގައި ގިނައީ ގްރައުންޑް ހޭންޑްލިންގައި މަސައްކަތް ކުރަމުން އައި މުވައްޒަފުންނެވެ.
ބޮޑު ޖޫރިމަނާއާ ގުޅިގެން ކުއާންޓާސް އިން ބުނީ ޖޫރިމަނާ ދައްކާނެ ކަމަށާއި އެފަދަ އަދަބެއް އައީ މުވައްޒަފުންތަކަކަށް ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް ދެވުމުގެ ސަބަބުން ކަމަށް ގަބޫލުކުރާ ކަމަށެވެ.
"އެ މުވައްޒަފުންގެ ކިބައިން މައާފަށް ވެސް އެދެން." ކުއާންޓާސް ގްރޫޕްގެ ޗީފް އެގްޒެކެޓިވް ވަނެސާ ހަޑްސަން ވިދާޅުވި އެވެ.
ކުއާންޓާސް އަށް ކުރި ޖޫރިމަނާ އަށް އޮސްޓްރޭލިއާގެ ޓްރާންސްޕޯޓް ވޯކާސް ޔުނިއަނު މަރުހަބާ ކިޔާފައިވެ އެވެ.