Last Updated: August 21, 00:05
Wednesday, August 20, 2025
ޚަބަރު

ކުޅުދުއްފުށީގައި "އެކުއެކީ" ބާއްވަނީ

ޒުވާނުންނަށް ހާއްސަކޮށްގެން ކުޅުދުއްފުށީގައި ބާއްވަން ހަމަޖެހިފައިވާ "އެކުއެކީ" ޕްރޮގްރާމްގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

މިއީ ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީ އާއި ޔޫއެންޑީޕީ ގުޅިގެން ގެވެށި އަދި ޖިންސީ އަނިޔާ ހުއްޓުވުމަށާއި، ހަމަހަމަ އުސޫލުތައް ގެންގުޅުމާއި، މުޖުތަމަޢުގައި ހޮޔޮ ބަދަލުތައް ގެނައުމާ ގުޅޭ ތަމްރީން ޕްރޮގްރާމެކެވެ.

މި މަހުގެ 24- 28 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ޕްރޮގްރާމު ހާއްސަކޮށްފައި ވަނީ ހަނިމާދޫ، ކުމުންދޫ، ވައިކަރަދޫ އަދި ކުޅުދުއްފުށީގެ އުމުރުން 18-25 އަހަރުގެ ޒުވާނުންނަށެވެ.

މި ޕްރޮގްރާމުގެ ތެރެއިން، ބައިވެރިންނަށް އެ މީހުންގެ މުޖުތަމަޢުތަކުގައި އެދެވޭ ބަދަލުތަކެއް ގެނައުމަށް ބޭނުންވާ މުހިންމު ހުނަރުތަކާއި މަޢުލޫމާތު ފޯރުކޮށް ދޭނެ އެވެ. އަދި މި ޕްރޮގްރާމް ވެގެން ދާނީ މިންތީގެ ހަމަހަމަކަމާއި، މުޖުތަމަޢުގައި ހުންނަ ހަމަނުޖެހުންތައް ހައްލުކުރުމާއި އަދި މުޢާމަލާތް ކުރުން ފަދަ ދާއިރާތަކުން ތަޖުރިބާ ހޯދުމަށް ލިބިގެން ދާނެ ހާއްސަ ފުރުސަތަކަށް ކަމަށް ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން ބުންޏެވެ.

"އެކުއެކީ" ގައި ބައިވެރިވާ މީހުންނަށް، ދަތުރުފަތުރާއި ކެއުން އަދި ހުރުމުގެ އިންތިޒާމުތައް ވެސް ހަމަޖައްސައި ދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. ޕްރޮގްރާމް ނިމުމުން، ބައިވެރިންނަށް ސެޓްފިކެޓް ވެސް ދޭނެ އެވެ.

އެހެންވެ ބައިވެރިވާން ބޭނުންވާ ޒުވާނުންނަށް މާދަމައާ ހަމައަށް ފޯމު ހުށަހެޅޭނެ އެވެ.