އިންޑިއާ އިން މި އަހަރު ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު 200،000 އަށް އަރުވަން އަމާޒު ހިފައި ކެމްޕޭނެއް ފަށައިފި އެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން މި ކެމްޕޭން ކުރިއަށް ގެންދަނީ "ފްރޮމް ތިރަންގާ ޓު ޓާކޮއިސް" ގެނަމުގަ އެވެ. ކެމްޕޭނުގެ ތެރެއިން ގިނަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވެ އެވެ.
ކެމްޕޭނާ ގުޅޭ ގޮތުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާޙިމް ޝިއުރީ ވިދާޅުވީ، އިންޑިއާ އަކީ އެންމެ ގާތް އަވަށްޓެރި ގައުމު ކަމަށާއި އެ ގުޅުން އޮތީ ސަގާފީ ގޮތުންނާއި އިތުބާރުގެ މައްޗަށް ބިނާވެފައި ކަމަށެވެ. އޭނަ ވިދާޅުވީ އެ ގުޅުން އިތުރަށް ވަރުގަދަ ކުރުމާ އެކު އަލަށް ފެށި ކެމްޕޭންގެ ސަބަބުން އިންޑިއާ އަކީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ހަތަރު ގައުމުގެ ތެރޭ ހިމެނޭ ގައުމަކަށް ހެދޭނެ ކަމަށެވެ.
"ފްރޮމް ތިރަންގާ ޓު ޓާކޮއިސް" ގެ ތެރެއިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި އިންފްލުއެންސާ ކޮލަބޮރޭޝަންތަކާއި، މީޑީއާ ފެމިލިއަރަޒޭޝަން ޓްރިޕްތަކާއި ޚަބަރާއި އެހެނިހެން އެޑްވަޓޯރިއަލް ލިއުންތައް އިންޑިއާގެ މަޤްބޫލު ނޫސްތަކުގައި ޝާއިއު ކުރުން ފަދަ ކަންކަން ހިމެނެ އެވެ. އަދި އެ ގައުމުގެ އެއާލައިންތަކާއި މީޑިއާ ޕާޓްނަރުންނާއި ދާއިރާގެ އެހެނިހެން ވިޔަފާރިތަކާއެކު ތިން ސިޓީއެއްގައި ރޯޑް ޝޯވްތަކެއް ކުރިއަށް ގެންދަން ވެސް ރާވާފައިވެ އެވެ. ގެންދާނެއެވެ.
އިންޑިއާ މިހާރު އޮތީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމުގެ ލިސްޓްގެ 6 ވަނައިގަ އެވެ. އަދި މި އަހަރު މިހާތަނާށް އެ ގައުމުން ރާއްޖެއަށް 79،972 ޓޫރިސްޓުން އައިސްފައިވެ އެވެ. އިންޑިއާގެ ވަރަށް ގިނަ ފިލްމީ ތަރިންނާއ އެ ނޫން ވެސް މަޝްހޫރު މީސްމީހުން މިހާރު ވަރަށް ގިނައިން ރާއްޖެ އާދެ އެވެ.
ދެހާސް ތޭވީހުގައި ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ އިންޑިއާއިންނެވެ.