Last Updated: August 21, 00:05
Wednesday, August 20, 2025
ޚަބަރު

ފުލުހުންނަށް ޖަޕާނުން ލޯންޗްތަކެއް ހަދިޔާކޮށްފި

ޖަޕާން ސަރުކާރުން ދިވެހި ފުލުހުންނަށް ފަސް ލޯންޗް ހަދިޔާކޮށްފި އެވެ.

އެ ތަކެތި ހަވާލުކޮށްފައި ވަނީ ދޫނިދޫގައި މިއަދު ބޭއްވި ރަސްމިޔާތެއްގަ އެވެ. ފުލުހުންގެ ފަރާތުން ލޯންޗްތަކާ ހަވާލުވެވަޑައިގެންނެވީ ޕޮލިސް ކޮމިޝަނަރު އިސްމާޢީލް ނަވީން އެވެ. ޖަޕާން ސަރުކާރުގެ ފަރާތުން އެ ތަކެތި ހަވާލުކޮށް ދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ އެވެ.

ރަސްމިއްޔާތުގައި ނަވީން ވަނީ ޖަޕާން ސަރުކާރުގެ ފަރާތުން ފުލުހުންގެ ޚިދުމަތަށް ދެ ވިން އެހީތެރިކަމާއި އެކި ގޮތްގޮތުން ވެދެއްވާ އެހީތެރިކަން ފާހަގަ ކުރައްވައި ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ޖަޕާނުން ހަދިޔާކުރި ލޯންޗްތަކުގެ ސަބަބުން ކަނޑުމަތީގެ ފުލުހުންގެ ގާބިލުކަން ވަރަށް ބޮޑަށް އިތުރުވެގެންދާނެކަން ފާހަގަކުރައްވައި، ކަނޑުމަތީގައި ގާނޫނު ތަންފީޒު ކުރުމުގެ ގާބިލުކަން އިތުރުވެ، ރަށްރަށުގެ މުޖުތަމައުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި، ކުއްލި ހާލަތްތަކުގައި ފުލުހުން އެޓެންޑުވުން އިތުރަށް އަވަސްވެ އަދި ގާބިލުކަން އިތުރުވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ޖުލައި 14 ގައި ޖަޕާން ސަރުކާރުން ފުލުހުންނަށް 54 ކާރާއި ހަތަރު ވޭނު ވެސް ހަދިޔާކޮށްފައިވެ އެވެ. އަދި އެއްގަމު އުޅަނދާއި ކަނޑު އުޅަނދުގެ އިތުރުން ޑްރަގް ފީލްޑް ޓެސްޓު ކިޓް ޕްރިކާސާ ފީލްޑް ޓެސްޓު ކިޓް އަދި ރަމަން ހޭންޑްހެލްޑް ފީލްޑް އައިޑެންޓިފިކޭޝަން ކިޓުގެ އިތުުރުން އެހެނިހެން ތަކެތި ވެސް ހަދިޔާކޮށްފައިވެ އެވެ.