ޑާކް ރެއިން އެންޓަޓައިންމަންޓުން މީޑިއާނެޓަށް ގެނެސްދޭ އާ ސީރީޒް "މޫސުން" ޕްރީމިއާކުރާ ތާރީހު އިއުލާންކޮށް، މީގެ ޓީޒާއެއް ވެސް މިއަދު ދައްކާލައިފި އެވެ.
މީޑިއާނެޓްގެ ސްޓްރީމިން ޕްލެޓްފޯމް، ވީޑިިއޯކުލަބުން މި ސީރީޒް ޕްރީމިއާ ކުރާނީ މި މަހުގެ 25 ގަ އެވ.
"މޫސުން" އަކީ އެހާރާއި މިހާރުގެ ހާދިސާތަކެއް ދައްކުވައި ދޭނެ އަސަރުގަދަ ވާހަކައެއް ކިޔައިދޭނެ ސީރީޒެކެވެ.=އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށް ގެނެސްދޭ މި ސީރީޒަކީ އޭނަ ޑައިރެކްޓްކޮށް ޑާކް ރެއިނުން އެންމެ ފަހުން ގެނެސްދިން ސީރީޒް "ފެށުމާއި ނިމުން" އަށް ފަހު ގެނެސްދޭ ފުރަތަމަ ސީރީޒެވެ.
"މޫސުން" އަކީ "ފެށުމާއި ނިމުން" ގެ ކުރިން މީޑިއާނެޓަށް ޑާކް ރެއިނުން ގެނައި "ރޯލީމޭ" ގެ ވެސް ސްކްރީންޕްލޭ ލިޔުނު ޝަހުދާ މަހުމޫދުގެ ސްކްރިޕްޓަކަށް ހަދާފައިވާ 10 އެޕިސޯޑްގެ ސީރީޒެކެވެ.
ބޮޑު ކާސްޓެއް ފެންނާނެ "މޫސުން" ގެ ތަރިންގެ ތެރޭގައި އައިޝާ އަލީ، މުހައްމަދު މަނިކު، ރަޒާން ރާމިޒު، މުހައްމަދު މަޒީން، ހުސައިން ސާމީ، ނުޒުހަތު ޝުއައިބު (ނުޒޫ)، އައިމިނަތު ޝުހާ، އަލީ ޝަޒްލީމް، އައިޝަތު ގުލްފާމް، އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ)، މުހައްމަދު ވިޝާލް (ރޯމަން) އަދި މަރިޔަމް ހަލީމް ފަދަ އެތައް ތަރިންނެއް ހިމެނެ އެވެ.
ޑާކް ރެއިނުން މި އަހަރު ބެލުންތެރިންނަށް ގެނެސްދޭން ހަމަޖެހިފައި އޮތް ފީޗާ ފިލްމަކީ އޮކްޓޯބަރު 6 އަށް ތާވަލުކޮށްފައި އޮތް އެކްޝަން ތުރިލާ "އަލިފާން" އެވެ.
އެ ސްޓޫޑިއޯގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ހޮރޯ-ކޮމެޑީ "ބިބީ" އެވެ.