Last Updated: August 21, 00:05
Wednesday, August 20, 2025
ޚަބަރު

ފެނާއި ނަރުދަމާ ލާޒިމު ބިލު ތަސްދީގުކޮށްފި

ފެނާއި ނަރުދަމާގެ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީޤުކުރައްވައިފި އެވެ.

މި ބިލަކީ މި މަހުގެ 11 ބައި ބޭއްވި ޖަލްސާއިން ފާސްކުރި ވިބިލެކެވެ.

ސަރުކާރުގެ ފަރާތުން ފެނާއި ނަރުދަމާގެ ޤާނޫނަށް އިސްލާޙް ހުށަހެޅުއްވުމުގެ މައިގަނޑު ބޭނުމަކީ، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި، އެރަށަކާ އެކަށީގެންވާ ފެނާޢި ނަރުދަމާގެ ނިޒާމެއް ލަސްވެގެން 2027 ވަނަ އަހަރުގެ ނިޔަލަށް ޤާއިމުކޮށް ހިންގޭނެ އިންތިޒާމުތައް ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަމަޖެއްސުމެވެ.

މި ބިލުގައި ފެނާއި ނަރުދަމާގެ ޚިދުމަތާ ގުޅޭގޮތުން ކައުންސިލުތަކަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ދިނުމާއި، ކައުންސިލްތަކުގެ ޤާބިލުކަން އިތުރުކުރުމަށް ޤައުމީ ފެންވަރުގައި ކުރަން ޖެހޭ މަސައްކަތްތައް ހިމަނާފައިވެ އެވެ. މީގެ އިތުރުން ފެނާއި ނަރުދަމާގެ ދާއިރާގެ ފަންނީ މަސައްކަތްތެރިންނަށް ލައިސަންސް ދޫކުރުމުގެ ޝަރުޠުތަކާއި ރާއްޖޭގައި ޤާއިމުކުރެވޭ ލެބޯޓްރީތަކުގައި ފެން ތަޙްލީލުކުރުމުގެ ޚިދުމަތް ދިނުމާ ގުޅޭ ޝަރުޠުތައް ކަނޑައެޅުން ވެސް ހިމެނެ އެވެ.

ހަމަމިއާ އެކު ފެނާއި ނަރުދަމާގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ޢަމަލެއް ކުރާ ފަރާތެއްގެ އަދަބުވެސް ބިލުގައި ކަނޑައަޅާފައިވެ އެވެ.

މި ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާއި އުސޫލުތައް، މި އިސްލާހަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 މަސް ދުވަހުގެ ތެރޭގައި އެކުލަވާލައި، ޝާއިޢުކުރަން ވާނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

ރައީސް ބިލު ތަސްދީޤުކުރައްވައި، ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢުކުރެއްވުމާއެކު، މި އިޞްލާޙަށް މިހާރު ވަނީ ޢަމަލުކުރަން ފަށައިފަ އެވެ.