ފ. ނިލަންދޫގައި ހިންގި ދެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާ ގުޅުންހުރި ބަޔަކު ހައްޔަރުކޮށްފި އެވެ.
މި އޮޕަރޭޝަންތަކުގެ ތެރެއިން ފުރަތަމަ އޮޕަރޭޝަނަކި ނިލަންދޫ ގެއެއްގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
ފުލުހުން ބުނީ މި މަހު 16 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނުނު ކަމަށެވެ. މި މައްސަލައާ ގުޅިގެން އެ ވަގުތު އެގޭގައި ތިބި ނުވަ މީހަކު ހައްޔަރުކޮށްފައިވެ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އއ. ރަސްދޫ / ދޫގަސް، މުޙައްމަދު ވިސާލު (19އ) އާއި، ލ.ގަން، ތުނޑި. ހެދޭކުރި، މުޝްހަފް މުފީދު (22އ) އާއި، ނ. ލަންދޫ / ފިނިވާގެ، އިބްރާހީމް ލޫޠް (20އ) އާއި، ތ. ގުރައިދޫ / ފަޒާ، ޢަލީ ނަވާފު (21އ) އާއި، ސ. ހިތަދޫ / ގާފިލާ، އަޙްމަދު އަބާން ޢަލީ (20އ) އާއި، ހދ. ނޮޅިވަރަންފަރު / އަންނާރުގެ، ޢަބްދުﷲ ލައިޝަމް (20އ) އާއި، ސ. މީދޫ /ޝީން ، އަޙްމަދު ޢުޘްމާން (20އ) އާއި، މާލެ / ދަފްތަރު ނަންބަރު ދރ 1438، އިބްރާހީމް ނައްފާޒް (26އ) އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެކަކު ވަނީ ދޫކޮށްލާފަ އެވެ. އަދި މުޙައްމަދު ވިސާލު (19އ) 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު ދެންތިބި ހަތް މީހުން 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
މީގެ އިތުރުން ނިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެންވެސް މި މަހު 16 ވަނަ ދުވަހު ފުލުހުން އޮޕަރޭޝަނެއް ހިންގާފައިވެ އެވެ. މި އޮޕަރޭޝަނުގައި އެ ރަށު ބަނދަރުމަތިން ފ. ނިލަންދޫ، ޝަބްނަމުގެ، މުހައްމަދު މާނިއު (19އ) ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 6 ސެލޯފިންކޮޅު ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން މުހައްމަދު މާނިއުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.
މި ދެ މައްސަލަ ވެސް ނިލަންދޫ ޕޮލިސް ސްޓޭޝަނުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.