Last Updated: August 21, 00:05
Wednesday, August 20, 2025
ޚަބަރު

އަދާލަތު ދެމި އޮންނާނީ ހައްގަށް ނަސްރުދޭ ޕާޓީއެއްގެ ގޮތުގައި

އިމްރާން އަބްދުﷲ - ފޮޓޯ: އަދާލަތު ޕާޓީ

އަދާލަތު ޕާޓީ އަބަދުވެސް ދެމި އޮންނާނީ ހައްގަށް ނަސްރުދޭ ޕާޓީއެއްގެ ގޮތުގައި ކަމަށް އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަދާލަތަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި އާންމުކުރި ވީޑިއޯ މެސެޖެއްގައި އިމްރާން ވިދާޅުވީ ވޭތުވެދިޔަ 20 އަހަރު ރާއްޖޭގެ ގިނަ ރައްޔިތުން ގުޅިގެން ހިންގި ކޮންމެ ބޮޑު ހަރަކާތެއްގައި އަދާލަތު ޕާޓީ މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށާއި މި މުއްދަތުގައި މެދުކެނޑުމެއްނެތި އަދާލަތު ޕާޓީގެ ފަރާތުން އިޖުތިމާޢީ، ދީނީ، އިޞްލާޙީ ގިނަ މަސައްކަތް ތަކެއް ކޮށްފައިވާ ކަމަށެވެ.

މިއިން ކޮންމެ ކަމެއް ކާމިޔާބު ވެފައިވަނީ ޢަދާލަތު ޕާޓީގެ މެންބަރުންގެ މިންނެތް މަސައްކަތުން ކަމަށާއި ޕާޓީގެ އިދާރީ ގުނަވަންތަކާއި މެންބަރުންގެ ރޫޙާއި އިޙުސާސްތަކާއި ގުޅި ލާމެހިގެން ހިންގުނު ކޮންމެ ޙަރަކާތަކީ އެމައްޗަށް ފަޚުރުވެރިވުން ޙައްޤު މަސައްކަތެއް ކަމަށްވެސް އިމްރާން ވިދާޅުވި އެވެ.

"މިއަދު އަދާލަތު ޕާޓީގެ މެންބަރުން އެންމެ އުފާކޮށް ފަޚުރުވެރިވާންވީ ކަމަކީ ވޭތުވެދިޔަ 20 އަހަރު މެދުކެނޑުމެއްނެތި ރާއްޖެއަށް ޙިދުމަތް ކޮށްފައިވާ ހަމައެކަނި ދެ ޕާޓީގެ ތެރެއިން އެއްޕާޓީއަކީ އަދާލަތު ޕާޓީ ކަމުގައި ވާތީ،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ވެރިކަމުގެ ސިޔާސަތު ތަޣައްޔަރުވެ، ސިޔާސީ ޖައްވު ކިލަނބުވެ ފަސާދަވެ ގިނަ ރައްޔިތުންގެ ޙައްޤާއި މަސްލަޙަތު ގެއްލޭ ކޮންމެ ހިނދަކު ރައްޔިތުންގެ ދިފާޢުގައި ތެދުވެ، ސާބިތުކަމާ އެކު އިސްސަފުގައި އަދާލަތު ޕާޓީ މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި ވޭތުވެ ދިޔަ ތަނުގައި ކަންކުރި ފަދައިން، މިއަދުވެސް އަދާލަތު ދެމިއޮންނާނީ އަދުލު އިންސާފުގެ މަތީގައި ސާބިތުވެ، ޙައްގައް ނަސްރުދޭ ޕާޓީއެއްގެ ގޮތުގައި ކަމަށާއި ރައްޔިތުން ބިކަވެ ނިކަމެތިވާ ކޮންމެ ދަނޑިވަޅެއްގައި އަދާލަތު އޮންނާނީ ފަސްނުޖެހި ރައްޔިތުންނާ އެކު ކަމަށްވެސް އިމްރާން ވިދާޅުވި އެވެ.