އަލް ޢައްލާމާ ޢުޘައިމީން ރަޙިމަހުﷲ އާއި ސުވާލުވެވުނެވެ. ބައެއް މީހުން އެކުވެރިންނާ ވާހަކަ ދެއްކުމުގައި މަޖާކޮށް އެމީ ހުން ހެއްވާލުމުގެ ގޮތުން، ދައްކަމުންދާ ވާހަކައިގެ ތެރެއަށް ދޮގު ވައްދައެ ވެ. މިއީ ދީނުގައި ޙަރާމް ކަމެއްތޯ އެވެ؟
ޖަވާބުގައި ވިދާޅުވި އެވެ. “އާދޭހެވެ. މިއީ ދީނުގައި ޙަރާމް ވެގެންވާ ކަމެކެވެ. ސަބަބަކީ ދޮގުހެދުމަކީ އެއާ ދުރުވެގަންނަންޖެހޭ ޙަރާމް ކަމެކެވެ. މާތް ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެ އެވެ.
((عَلَيْكُمْ بِالصِّدْقِ، فَإِنَّ الصِّدْقَ يَهْدِي إِلَى الْبِرِّ، وَإِنَّ الْبِرَّ يَهْدِي إِلَى الْجَنَّةِ، وَمَا يَزَالُ الرَّجُلُ يَصْدُقُ وَيَتَحَرَّى الصِّدْقَ حَتَّى يُكْتَبَ عِنْدَ اللهِ صِدِّيقًا، وَإِيَّاكُمْ وَالْكَذِبَ، فَإِنَّ الْكَذِبَ يَهْدِي إِلَى الْفُجُورِ، وَإِنَّ الْفُجُورَ يَهْدِي إِلَى النَّارِ، وَمَا يَزَالُ الرَّجُلُ يَكْذِبُ وَيَتَحَرَّى الْكَذِبَ حَتَّى يُكْتَبَ عِنْدَ اللهِ كَذَّابًا)) [رواه مسلم]
މާނައީ: “ތިޔަބައިމީހުން ތެދު ބުނާހުށިކަމެވެ. ހަމަކަށަވަރުން ތެދުވެރިކަން މަގު ދައްކަނީ ހެޔޮ ކަންތައްތަކަށެވެ. އަދި ހެޔޮ ކަންތައްތައް މަގު ދައްކަނީ ސުވަރުގެއަށެވެ. ﷲގެ ޙަޟްރަތުގައި ތެދުވެރިއެއްކަމުގައި ލިޔެވެންދެން ތެދުބުނުމާއި ތެދުވެރިކަންމަތީގައި އަޅާ ދެމިހުރެ އެވެ. ދޮގު ނެހެދުމަށް ތިޔަބައިމީހުން ސަމާލުވާށެވެ. ފަހެ ހަމަކަށަވަރުން ދޮގުވެރިކަން މަގު ދައްކަނީ ނުބައި ކަމަށެވެ. އަދި ނުބައި ކަންތައްތައް މަގު ދައްކަނީ ނަރަކައަށެވެ. ﷲގެ ޙަޟްރަތުގައި ދޮގުވެރިއެއްކަމުގައި ލިޔެވެންދެން ދޮގު ހެދުމާއި ދޮގުވެރިކަން މަތީގައި އަޅާ ދެމިހުރެ އެވެ.”
އަދިވެސް އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެ އެވެ.
((وَيْلٌ لِلَّذِي يُحَدِّثُ فَيَكْذِبُ لِيُضْحِكَ بِهِ الْقَوْمَ وَيْلٌ لَهُ وَيْلٌ لَهُ)) [رواه أبو داود وحسنه الألباني]
މާނައީ: “ވާހަކަ ދައްކާ އިރު މީހުން ހެއްވާލުމަށްޓަކައި ދޮގު ހަދާ މީހާ އަށް ހަލާކު ހުއްޓެވެ. އެ މީހަކަށް ހަލާކު ހުއްޓެވެ. އަދި އެ މީހަކަށް ހަލާކު ހުއްޓެވެ.”
އެހެންކަމުން ދޮގު ހެދުމާ މެދު ސަމާލުވުން ހުއްޓެވެ. އެއީ މީހުން ހެއްވާލުމަށްޓަކައި ކަމުގައި ވިޔަސް، މަޖަލަކަށް ވިޔަސް ނުވަތަ އެ ނޫން ގޮތަކަށް ކަމުގައިވިޔަސްމެ އެވެ.
ތެދު ބުނުމަށް އާދަވެފައިވާ މީހެއް ނަމަ އެމީހަކު އެތެރެފުށުންނާއި ބޭރުފުށުން ވެސް ވާހުށީ ތެދުވެރިޔަކަށެވެ. “ﷲގެ ޙަޟްރަތުގައި ތެދުވެރިއެއްކަމުގައި ލިޔެވެންދެން ތެދުބުނުމާއި ތެދުވެރިކަންމަތީގައި އަޅާ ދެމިހުރެއެވެ.” މިފަދައިން ޙަދީޘް ކުރައްވާފައިވަނީ އެހެންކަމުންނެވެ. ތެދު ބުނުމުގެ ނަތީޖާ އާއި ދޮގުހެދުމުގެ ނަތީޖާ އަހަރެމެންގެ ތެރެއިން އެކަކަށް ވެސް ވަންހަނާވެގެން ނުވެ އެވެ.”
މަސްދަރު: ދިސަލަފިއްޔާ