ކައުންސިލަކުން ތަންތަން ކުއްޔަށް ދޫކުރުން މެދުކަނޑާލަން ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފި އެވެ.
ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ވަނީ ލޯކަލް ކައުންސިލްތަކުގެ އުމުރު ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަމަވުމާ ދެމެދު އަހަރު ދުވަހެއް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭއިން ކަނޑައަޅާ އުސޫލުގެ ދަށުން މެނުވީ ބައެއް ކަންކަން ކުރުން މަނާކޮށްފަ އެވެ.
އޭގެތެރޭގައި ކައުންސިލް އިދާރާއަށް މުވައްޒަފުންގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުމާއި، ކައުންސިލްގެ އިހުތިސޯސްގެ ދަށުގައި ހުރި ބިމާއި، ފަޅާއި، ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމާއި ދިނުމުގެ އިތުރުން ކައުންސިލްތަކަށް އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައިނުވާ އާ ތަރައްގީގެ މަޝްރޫއުތައް ފެށުން ހިމެނެ އެވެ.
އެލްޖީއޭގެ ސީއީއޯ, މުޙައްމަދު ނިމާލް ސޮއިކޮށް މިއަދު ރާއްޖޭގެ ހުރިހާ ކައުންސިލްތަކަކަށް ފޮނުވި ސިޓީއެއްގައި ވަނީ އެ އޮތޯރިޓީއިން ވަކި ގޮތެއް ކަނޑައަޅަންދެން އެއްވެސް ކައުންސިލަކުން ތަންތަން ކުއްޔަށް ދޫކޮށް، މުވައްޒަފުން ނަގައި، ތަރައްގީގެ އާ މަޝްރޫއުއެއް ނުހިންގުމަށާއި ގާނޫނަށް އަމަލުކުރަން ކައުންސިލްތަކަށް އަންގާފަ އެވެ.
އަދި ލާމަރުކަޒީ ގާނޫނަށް ގެނައި އާ އިސްލާހުގެ ދަށުން ހަދަން ޖެހޭ އުސޫލުތައް ހެދުމުގެ މަސައްކަތް އެ އޮތޯރިޓީ އާއި ފިނޭންސް މިނިސްޓްރީ ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް ބުނެފައިވެ އެވެ.