Last Updated: August 21, 00:05
Wednesday, August 20, 2025
ޚަބަރު

ހަލީލު ދޮގު ހެދި ކަމަށް ބުނާ މައްސަލައެއް މަޖިލީހަށް

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު، ރައްޔިތުންގެ މަޖިލީހުގައި ދޮގު ހެދި ކަމަށް ބުނާ މައްސަލައެއް ހުށަހަޅައިފި އެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއިލް ނަސީމް އެވެ.

މީކާއިލް ހުށަހެޅުއްވި މައްސަލައިގައި ވަނީ މި މަހުގެ 13 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 25 ވަނަ ޖަލްސާއަށް ވަޑައިގެން ސުވާލުތަކަށް ޖަވާބު ދެއްވުމުގައި ހަލީލު އިތުރުފުޅު ހަދާފައިވާ ކަމަށް ބުނެފަ އެވެ.

އެގޮތުން ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން "އިންޑިއާ އައުޓް" ޓީޝާޓް ލައިގެން ހުއްޓާ ނުފެންނާނެ ކަމަށް ވިދާޅުވެ ހަލީލު ހެއްދެވީ އިތުރުފުޅެއް ކަމަށާއި އެކަމުގެ ހެކިތައް މުޅި ސޯޝަލް މީޑިއާ އިން ފެންނަމުންދާ ކަމަށް އެ މައްސަލައިގައި ބުނެފައިވެ އެވެ.

މީގެއިތުރުން މީކާއިލް ހުށަހެޅުއްވި އިމްތިޔާޒުގެ މައްސަލައާއެކު ވަނީ ހަލީލު "އިންޑިއާ އައުޓް" ޖަހާފައިވާ ޓީޝާޓެއް ލައިގެން ހުރި ފޮޓޯއެއް ވެސް ހުށަހަޅާފަ އެވެ.