މީޑިއާތައް ރެގިއުލޭޓް ކުރަން ވަކި ކޮމިޝަނެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ މަގުސަދަކީ މީޑިއާގެ މިނިވަންކަން ނެތިކޮށްލުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ނަމުގައި އެ ބިލު މަޖިލީހަށް ހުށަހެޅީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވުން މާދަމާގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ މި ބިލަކީ، ރާއްޖެއިން މިނިވަން މީޑިއާ ނެތިކޮށްލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްވަވާފައިވާ ރޭވުމެއް ކަމަށެވެ. މީޑިއާއަކީ ޑިމޮކްރަސީއެއްގެ މައިބަދަ ކަމަށްވާއިރު މަޖިލީހަށް ހުށަހަޅާފައިވާ ބިލުން ނޫސްވެރިންނާ މީޑިއާތަކަށް ލިބޭ ހިމާޔަތް ނިގުޅައިގަނެވި، ރެގިއުލޭޓަރީ ކޮމިޝަނުގެ ސީދާ ބާރު ރައީސަށް ލިބިދޭ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
އަދި ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށް މިނިވަން މީޑިއާގެ ވަސީލަތްތައް ބްލޮކްކޮށް، ބަންދުކޮށް އަދި ޖޫރިމަނާކުރުމުގެ ބާރު ދީފައިވާތީ އެކަންވެސް ފައްޔާޒު ކުށްވެރިކުރެއްވި އެވެ. އަދި ތެދު ވާހަކަ ދެއްކުމަކީ އަނިޔާވެރިވުމަށް އެކަށީގެންވާ ސަބަބެއް ކަމުގައި ބެލެވޭ ދުވަސްތަކަށް އަނބުރާ ގޮސްގެން ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މި ބިލުގައި ބުނެފައިވަނީ ބިލު ގާނޫނަކަށްވެ، ތަސްދީގު ކުރަން ފެށުމާ އެކު، މީޑިއާ ކައުންސިލްގެ ގާނޫނާއި ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ ބައެއް މާއްދާތައް އުވޭނެ ކަމަށެވެ. އެގޮތުން އުވެނީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނާ ގުޅޭ މާއްދާތަކެވެ.
އަދި މި ބިލުގެ ދަށުން އުފައްދާ ކޮމިޝަނުގައި ތިބޭނީ ހަތް މެންބަރުން ކަމަށާއި އޭގެ ތެރެއިން ތިން މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުން ކަމަށް ބުނެފައިވެ އެވެ. އަނެއް ހަތަރު މެންބަރުންނަކީ މީޑިއާތަކުގެ ފަރާތުން އިންތިހާބު ކުރާ މެންބަރުންނެވެ. ކޮމިޝަނުގެ ރައީސް އައްޔަން ކުރަންޖެހެނީ ރައީސުލްޖުމްހޫރިއްޔާ ކަމަށްވާއިރު ނައިބު ރައީސް ހޮވާނީ ކޮމިޝަނުގެ މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.
ބިލުގައިވާ ގޮތުން ކޮމިޝަނަށް މެންބަރުން އައްޔަން ކުރެވެންދެން، ކޮމިޝަން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާ ފަސް މެންބަރުންގެ ކޮމިޓީއަކުންނެވެ.
މީގެއިތުރުން ކޮމިޝަނުން ކަނޑައަޅާ ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފުވެއްޖެނަމަ، އެ ނޫހެއް ނުވަތަ މަޖައްލާއެއް 5،000ރ. އާއި 100،000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރާއި ނޫހަކުން ނުވަތަ މަޖައްލާއަކުން ގާނޫނާއި ގަވާއިދާ ހިލާފުވާނަމަ އެކަމެއް އިސްލާހުކުރަންދެން ނުވަތަ މައްސަލަ ބަލާ ނިމެންދެން އެ ނޫހެއްގެ ރަޖިސްޓްރީ ވަގުތީ ގޮތުން ބާތިލުކުރުމުގެ ބާރުވެސް ކޮމިޝަނަށް ދީފައިވެ އެވެ.