އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓުމަކަށް ގެންނަން ހުށަހެޅި ކަންކަމަށް ހަމާސް ޖަމާއަތުން އެއްބަސްވެއްޖެ އެވެ.
މިސްރާއި ގަތަރު، އެމެރިކާގެ ބައިވެރިވުމާ އެކު އެކުލަވާލާފައިވާ އެއްބަސްވުމަށް ހަމާސް އިން އެއްބަސްވެފައިވާއިރު، މިކަމާ ގުޅޭގޮތުން އިޒްރޭލުން ވަކި އެއްޗެއް އަދި ބުނެފައެއް ނުވެ އެވެ.
މި އެއްބަސްވުމުގައިވާ ގޮތުން 60 ދުވަހަށް ހަމަލާތައް މެދުކަނޑާލުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ހަމަލާތައް މެދުކަނޑާލާފައި އޮންނަ މުއްދަތުގައި ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިޒްރޭލުގެ ރަހީނުންގެ ތެރެއިން ބަޔަކާއި އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ބައެއް ރައްޔިތުން މިނިވަން ކުރުމާއެކު ގާޒާއަށް އެހީގެ ސާމާނު ވެއްދުމުގެ މަސައްކަތް ފެށުން ވެސް ހިމެނެ އެވެ.
ހަމަލާތައް ހުއްޓާލުމުގެ ހުށަހެޅުމަށް ހަމާސް އިން އެއްބަސްވެފައިވާއިރު، ގާޒާ ހިފައި ވަކި ވެރިކަމެއް ހިންގަން އިޒްރޭލުގެ ކެބިނެޓުން ދާދިފަހުން ވަނީ ފާސްކޮށްފަ އެވެ.
އިޒްރޭލުން ގާޒާއަށް ހުއްޓުމެއް ނެތި ހަމަލާތައް ދެމުންދާއިރު އިއްޔެ އެކަނިވެސް ވަނީ 30 މީހަކު ޝަހީދުކޮށްލާފަ އެވެ.
އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 62،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، 150،000 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ.