ރަނގަޅު ވެރިކަމެއް ކުރުމަށްޓަކާ ނޫސްތައް ހުއްޓުވުމުގެ ބަދަލުގައި އިސްކަންދޭންވާނީ ޖަވާބުދާރީވުމަށް ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފަ އެވެ. އެ ބިލު މަޖިލީހަށް ހުށަހެޅީ ސަރުކާރަށް އެއްބާރުލުންދޭ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ ޑިމޮކްރަސީ އަށް ނުހަނު މުހިންމު ބާރެއް ކަމަށްވާ، ނޫސްވެރިކަމުގެ މިނިވަންކަން ނަގާލުމަށްޓަކައި، މީޑިއާތަކުގެ ރަޖިސްޓްރީ ބާތިލުކޮށް، މީޑިއާތަކުން ބްރޯޑްކާސްޓުކުރުން ހުއްޓުވޭ ގޮތަށް ކޮމިޝަނެއް އުފައްދައި، އެ ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ގިނަ މެންބަރުންތަކެއް އައްޔަނު ކުރުމުގެ ބާރު ލިބޭ ގޮތަށް މަޖިލީހަށް އަނެއްކާވެސް ބިލެއް ހުށަހެޅުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
އަދި ރަނގަޅު ވެރިކަމެއް ކުރުމަށްޓަކައި ނޫސްތައް ހުއްޓުވުމުގެ ބަދަލުގައި އިސްކަން ދޭންވާނީ ޖަވާބުދާރީވުމަށް ކަމަށް ފައިސަލް ވިދާޅުވި އެވެ.
"ތަހުޒީބީ ގައުމުތަކުގައި މީޑިއާތައް ރެގިއުލޭޓް ކުރަނީ ސެލްފް ރެގިއުލޭޓެޑް ބޮޑީތަކުން. އެކަން ކުރަންޖެހޭނެ ގޮތަކީ އެއީ. މި ބިލް މަޖިލީހަށް ބަލައި ނުގަތުމަށް ގޮވާލަން،" ފައިސަލް ވިދާޅުވި އެވެ.
މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ބުނެފައިވަނީ ބިލު ގާނޫނަކަށްވެ، ތަސްދީގު ކުރަން ފެށުމާ އެކު، މީޑިއާ ކައުންސިލްގެ ގާނޫނާއި ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ ބައެއް މާއްދާތައް އުވޭނެ ކަމަށެވެ. އެގޮތުން އުވެނީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނާ ގުޅޭ މާއްދާތަކެވެ.
އަދި މި ބިލުގެ ދަށުން އުފައްދާ ކޮމިޝަނުގައި ތިބޭނީ ހަތް މެންބަރުން ކަމަށާއި އޭގެ ތެރެއިން ތިން މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުން ކަމަށް ބުނެފައިވެ އެވެ. އަނެއް ހަތަރު މެންބަރުންނަކީ މީޑިއާތަކުގެ ފަރާތުން އިންތިހާބު ކުރާ މެންބަރުންނެވެ. ކޮމިޝަނުގެ ރައީސް އައްޔަން ކުރަންޖެހެނީ ރައީސުލްޖުމްހޫރިއްޔާ ކަމަށްވާއިރު ނައިބު ރައީސް ހޮވާނީ ކޮމިޝަނުގެ މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.
ބިލުގައިވާ ގޮތުން ކޮމިޝަނަށް މެންބަރުން އައްޔަން ކުރެވެންދެން، ކޮމިޝަން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާ ފަސް މެންބަރުންގެ ކޮމިޓީއަކުންނެވެ.
މީގެއިތުރުން ކޮމިޝަނުން ކަނޑައަޅާ ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފުވެއްޖެނަމަ، އެ ނޫހެއް ނުވަތަ މަޖައްލާއެއް 5،000ރ. އާއި 100،000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރާއި ނޫހަކުން ނުވަތަ މަޖައްލާއަކުން ގާނޫނާއި ގަވާއިދާ ހިލާފުވާނަމަ އެކަމެއް އިސްލާހުކުރަންދެން ނުވަތަ މައްސަލަ ބަލާ ނިމެންދެން އެ ނޫހެއްގެ ރަޖިސްޓްރީ ވަގުތީ ގޮތުން ބާތިލުކުރުމުގެ ބާރުވެސް ކޮމިޝަނަށް ދީފައިވެ އެވެ.